ޚަބަރު

ކޯވިޑް-19 : ހުޅުމާލެ މެޑިކަލް ފެސިލިޓީ އަންނަ ހަފްތާއަށް ނިންމާލެވޭނެ - އެމްއެންޑީއެފް


ހުޅުމާލޭގައި އަލަށް ތަރައްޤީކުރާ އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް އަންނަ ހަފްތާގެތެރޭގައި ނިންމާލެވޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

"ހުޅުމާލެ މެޑިކަލް ފެސިލިޓީ"ގެ ނަމުގައި ތަރައްޤީކުރި މިއައިސޮލޭޝަން ފެސިލިޓީއަކީ، ތިން ސަތޭކަ އެނދުގެ މިއައިސޮލޭޝަން ފެސިލިޓީއެކެވެ. "ހުޅުމާލެ މެޑިކަލް ފެސިލިޓީ"ގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ، މިހާރުވެސް މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. މި ފެސިލިޓީއަކީ ކޮމްޕްލެކްސް ފެސިލިޓީއެއްކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސްވަނީ މި ފެސިލިޓީގައި އެކޮމޮޑޭޝަން ބްލޮކަކާއި، ސަރވިސް ބިލްޑިންގެއް ހުންނާނެކަމަށެވެ. މިއެކޮމޮޑޭޝަން ފެސިލިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ މާހިރުން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަރވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީ ހުންނާނެއެވެ.

"300 އެނދުގެ ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމާލެވޭނެ. މި ފެސިލިޓީގައި އެކޮމޮޑޭޝަން ބްލޮކްއަކާއި، ސަރވިސް ބިލްޑިންގްއެއް ހުންނާނެ." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް ތަރައްޤީކުރާ އައިސޮލޭޝަން ފެސިލިޓީ ތަރައްޤީކުރުމަށް ސާޅީސް މިލިއަން ރުފިޔާ ޚަރަދުވާކަމަށް ނެޝަނަލް އެޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިންވަނީ ހާމަކުރައްވާފައެވެ.
މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާއިރު، ފެސިލިޓީ މަރާމާތުކުރުމުގެ މަސައްކަތްވެސް އިސްކޮށް ކުރައްވަނީ އެމް.އެން.ޑީ.އެފުންނެވެ. މިކަމުގައި، އެޗް.ޑީ.ސީ، އެމް.ޑަބްލިއު.އެސް.ސީ، ސްޓެލްކޯ، ފެނަކަ، އެސް.ޓީ.އޯ، މަސީ، އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ މުވައްޒަފުންވެސް ހަރަކާތްތެރިވަމުންދާކަން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދެއްވައެވެ.