ޚަބަރު

ކޯވިޑް-19 : ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ ބަލިޖެހޭ މީހުންގެ ޢަދަދު މަދުކުރެވޭނެ


މާލެއިން ފެންނަމުންދާ ކޯވިޑް-19ގެ ކޭސްތަކާ ގުޅުންހުރި މީހުން ކަރަންޓީންކުރުމަށް މިހޭދަވާ މުއްދަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ ބަލިޖެހޭ މީހުންގެ ޢަދަދު މަދުކުރެވޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ ޑރ.މުހައްމަދު އަފްޒަލް ވިދާޅުވީ މިމަހުގެ 15ވަނަ ދުވަހު މާލެއިން ކޯވިޑް-19 ފެނުމާގުޅިގެން ބަލިޖެހޭ މީހުން ދެނެގަތުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާކަމަށެވެ. މިމަސައްކަތުގައި ބަލި ޖެހިފައިވާ މީހުންނާ ސީދާ ކޮންޓެކްޓްވި މީހުންނާއި، އެމީހުންގެ ފަރާތުން ބައްދަލުވެފައިވާ އިތުރުމީހުންވެސް ދެނެގަނެވިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރިމަސައްކަތުން ކޯވިޑް-19އަށް ފުރަމަތަ ޕޮޒިޓިވްވެފައިވާ މީހާ ދިމާވި މީހުންގެ ޢަދަދު ނިސްބަތުން ގިނަވިޔަސް ފަހުން ޕޮޒިޓިވްވި މީހުންނާ ސީދާދިމާވެ ބައްދަލުވުވެފައިވަނީ ކުރިންވެސް ލަފާކޮށްފައިވާ މިންގަނޑަކަށް ކަމަށްވެސް ޑޮކްޓަރ އަފަޒަލް ވިދާޅުވިއެވެ.

އެގޮތުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވާނެކަމަށް ލަފާކުރެވިފައިވަނީ 70 ވަރަކަށް މީހުންނެވެ. ފަހުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްތަކަށްބަލާއިރު ދިމާވި މީހުންގެ ޢަދަދުއުޅެނީ މި ޢަދަދާ ދާދި އެއް މިންގަނޑަކަށެވެ. އަދި މިހާރު ބަލި ފެނި މުޖުތަމައުގައި ބަލި ފެތުރުން ކޮންޓްރޯކުރުމުގެ މަސައްކަތަކީ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަމުންދާ މަސައްކަތްކަމަށް ޑރ.އަފްސަލް ވިދާޅުވިއެވެ. މިކަން ކާމިޔާބްވާނީ ކޮންޓެކްޓް ޓްރޭސިންގެ މުއްދަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ މައްޗަށް ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިހާލަތުގައި މުޖުތަމައުގައި ބަލި ފެތުރުން ކޮންޓްރޯލްކޮށް ބަލިޖެހޭ މިންވަރު މަދުކުރެވޭވީ ކަމާބެހޭ ފާތްތަކުން ދެއްވާ އިރުޝާދުތަކަށް ރައްޔިތުން ފުރިހަމަ އަށް އަމަލުކޮށްގެންކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ބަލި ޖެހުނު މީހުން ދެނެގަނެވި ކަރަންޓީންގެ މިމުއްދަތަކީ ބަލި ކޮންޓްރޯލް ކުުރުމަށް ލިބިގެންދާ އެންމެ ރަނގަޅު ދަނޑިވަޅުގެގޮތުގައި ޑޮކްޓަރުން ފާހަގަކުރައްވައެވެ.

މާލެއިން ކޯވިޑް-19 ފެނުމާ ގުޅިގެން ބައްޔަށް ޕޮޒިޓިވްވި މީހުންނާއި އެމީހުންނާ ސީދާ ދިމާވި ގިނަ ބަޔަކު ދެނެގަނެވި މާލެ އޭރިޔާއާއި، އެހެނިހެން ސަރަހައްދުތަކުން ބައެއް ތަންތަން މޮނިޓަރިންގެ ހާލަތަށްވަނީ ގެނެސްފައެވެ. މާލެއިން 52 ތަނަކައި، ހުލުމާލެއިން 9 ތަނެއް އަދި އެހެނިހެން ދިމަދިމާއިން 12 ތަނެއް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.