ޚަބަރު

ބޮޑެތި ޤައުމު ތަކުން ކުދި ޤައުމުތަކަށް ރަނގަޅުގޮތް ވާކަށް ނޭދޭ: އިންފަންޓީނޯ


  • އިންފަންޓީނޯ ބުނީ މިތަފާތު ކުޑަކުރުމަކީ ފީފާ ކުރަންޖެހޭ މަސައްކަތެއްކަމަށް

މާލީގޮތުން ތަނަވަސްކަން ލިބިފައިވާ ބޮޑެތި ޤައުމުތަކުން އެކަމުގެ ތަނަވަސްކަން ނެތް ކުދި ޤައުމުތަކަށް ރަނގަޅުގޮތް ވާން ނޭދޭކަމުގައި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޑޮމިނިކަން ރިޕަބްލިކްގައި ކެރީބިއަން ފުޓްބޯލް ޔޫނިއަން، ސީއެފްޔޫގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އިންފަންޓީނޯ ބުނީ ފީފާފެ މެމްބަރު 211 އެސޯސިއޭޝަންތަކުގެ ތެރެއިން މާލީ ގޮތުން ތަނަވަސްކަން ލިބިފައިވާ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ނިސްބަތްވާ އެސޯސިއޭޝަންތަކާއި އެތަނަވަސްކަން ނެތް އެސޯސިއޭޝަން ތަކާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ފީފާއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް މާލީކަމުގެ ތަނަވަސް ކަން ލިބިފައިވާ އެސޯސިއޭޝަންތަކުން އެކަން އެގޮތަށް ވާން ނޭދޭކަމަށް އިންފަންޓީނޯ ހާމަކުރިއެވެ.

އިންފަންޓީނޯ ބުނީ މިއީ އެޖަމްއިއްޔާއިން ކުރަންޖެހޭ މަސައްކަތެއްގެ އިތުރުން އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ފީފާގެ މެންބަރު 211 އެސޯސިއޭޝަންތައް ނިސްބަތްވާ ހުރިހާ ޤައުމުތަކުގައިވެސް ފުޓުބޯޅަ ކުރިއަރުވަން ބޭނުން ވާކަމަށް އޭނާ ބުންނެވެ. ނަމަވެސް ބައެއް ޤައުމުތަކަށް މިކަން ބޭނުން ނުވާއިރު އަނެއްބައި ޤައުމުތަކުން އެކަން ވިޔަދޭކަށް ބޭނުމެއް ނުވެއެވެ.

މިފަރަގަކީ ކުޑަކުރަން ޖެހޭ އެއްޗެއް ކަމަށާއި އެހެން ނޫނީ ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކުގެ ފުޓުބޯޅައިގައި ފެނިގެންދާ ތަފާތު އަބަދުވެސް އޮންނާނެ ކަމަށް އިންފަންޓީނޯ ފާހަގަ ކުރިއެވެ. މިގޮތުން ކުދި ޤައުމުތަކުގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓް ހޯދާ ފުރުސަތު ތަނަވަސްކުރަން ޖެހޭކަމަށެވެ. އަދި ފީފާއިން މިދިޔަ 10 އަހަރު ކުރަމުންދިޔައީ އެކަން ކަމަށާއި އަދި ވޭތުވެދިޔަ 10 ހަފްތާގައިވެސް ކުރަމުންދިޔައީ އެކަން ކަމަށް އިންފަންޓީނޯ ބުންޏެވެ. އަދި ކުރިއަށްއޮތް އަހަރު ތަކުގައި ފީފާއިން އެކަން ކުރުމުގައި ދެމި ތިބޭނެ ކަމަށްވެސް އެޖަމްއިއްޔާގެ ރައީސް ބުންޏެވެ.

ފީފާއިން ކުރިއަށް ގެންދާ ހުރިހާ މުބާރާތްތަކެއްގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އައު އެންޓިޓީއެއް ހަދާ އެތަނުގެ މަދު ހިއްސާ ވިޔަފާރީގެ އުސޫލުން ވިއްކުމަށްމަގުފަހި ގޮތްދޭގޮތަށް އިންފަންޓީނޯ އިސްނަގައިގެން ހެދި ޕްރޮޕޯސަލާއި ގުޅިގެން ފުޓުބޯޅައިގެ ދުނިޔޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.

އިންފަންޓީނޯ ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ފީފާގެ މެންބަރު ކޮންމެ އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ. މިއީ ކުދި ޤައުމުތަކަށް ކުޑަ އަދަދެއް ނޫންނެވެ. އަދި ހިއްސާ ވިއްކުމާއެކުވެސް މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގެ ބާރު އޮންނާނީ ފީފާގެ ދަށުގައި ކަމަށް އެޕްރޮޕޯސަލްގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ޔުއޭފާ އާއިި އޭއެފްސީ އަދި ކޮންކާކަފްއިން މިކަމަށް ދެކޮޅު ހެދުމާއި އެކު މި ޕްރޮޕޯސަލްގެ މަސައްކަތް ވަނީ ހުއްޓާލައިފައެވެ. އަދި އިންފަންޓީނޯ އިސްތިއުފާ ދިނުމުގެ އިތުރުން ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ތާއީދު ނުކުރުމަށްވެސް ވަނީ ނިންމައިފައެވެ. މިތިން ފެޑެރޭޝަނަށް ބަލާލާއިރު އިންފަންޓީނޯ އެބުނާ މާލީ ތަނަވަސްކަމުގެ އިތުރުން ނުފޫޒުގަދަ ޤައުމުތައް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.