ޚަބަރު

ވެންޓިލޭޓަރު ފަރުވާ އެހެން ފަރުވާއަކަށް ބަދަލުކުރަން އެދުނުކަމަށްބުނެ ދައްކަނީ ދޮގު ވާހަކައެއް - އައިޖީއެމްއެޗް


އައިޖީއެމް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާ މީހުން، އެހެން ޕްރޮސީޖާއަކުން އޮސިޖަން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން އެދެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާވާހަކަތައް އެހޮސްޕިޓަލުން ދޮގުކުރައްވައިފިއެވެ.

އެހޮސްޕިޓަލުން ވިދާޅުވެފައިވަނީ އައިސީޔޫގައި ތިބި ބަލިމީހުންނަށް، ވެންޓިލޭޓަރު ނައްޓާލައި، ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްިޓަލުން އެދެމުން ދާކަމަށް ބުނެ ދައްކަނީ އެއްވެސް ޙަޤީގަތެއްނެތް ވާހަކަތަކެއްކަމަށެވެ.

ޓްރެކިއޯސްޓޮމީއަކީ ވެންޓިލޭޓަރުގެ ބަދަލުގައި މީހާގެ ކަރުން ތަންކޮޅެއް ތޮރުފައިގެން، ހޮޅިއެއް ބޭނުންކޮށްގެން ފުއްޕާމެއަށް ވައި ފޮނުވައިދޭ ޕްރޮސީޖާއެކެވެ. ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އައިޖީއެމް ހޮސްޕިޓަލުންވަނީ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ޚާއްސަކޮށް ކޯވިޑް-19ގެ ކުއްލި ޙާލަތާއި ދިމާކޮށް މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުންވެސް އަންނަނީ އެދެމުންނެވެ. މި ދުވަސްވަރާއި ދިމާކޮށް އެކި އެކި ޚިދުމަތްތަކާއި ބަލީގެ ފަރުވާއާ ގުޅޭގޮތުން ސައްޙަނޫން ތަފާތު މަޢުލޫމާތުތައް އަންނަނީ ދަޢުރުވަމުންނެވެ. މިފަދަ މަޢުލޫމާތުތައް އެހެން މީހުންނަށް ފެންނާނެހެން ޝެއަރކޮށް ނުހެއްދުމަށްވެސް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.