ވިޔަފާރި

ޑެލިވަރީގެ ސްޕީޑު އަވަސްކުރުމަށް މިދަނީ މަސައްކަތް ކުރަމުން - ޢަމްރު


ޑެލިވަރީގެ ސްޕީޑު އަވަސްކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދެމުންދާ ޚާއްސަ ކަވަރޭޖަށް ފޯން މެދުވެރިކޮށް ދެއްވި އިންޓަރވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ ލަސްވެފައިހުރި އޯޑަރުތަކެއް އެބަހުރި ކަމަށެވެ. އެއޯޑަރުތައްވެސް އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަމާޒަކީ މިއަދު އޯޑަރުދޭ މީހުންނަށް މާދަމާއަށް އޯޑަރ ލިބޭނެ ގޮތެއް ހެދުންކަމަށެވެ.

"ދެ އޮޕަރޭޝަނަކަށް ބަހާލައިގެން ކުރިން އޯޑަރުދިން މީހުންނަށްވެސް އަދި މިހާރު އޯޑަރުދޭ މީހުންނަށްވެސް އަވަހަށް ޑެލިވަރ ކޮށްދެވޭތޯ މިބަލަނީ" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިންދަނީ "އީސްޓޯރ.އެމްވީ"ގެ ނަމުގައި ވެބްސައިޓެއް ޤާއިމްކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ގޭގައި ތިބެގެން ވިޔަފާރިކުރެވޭނެގޮތް ހަމަޖައްސަމުންނެވެ. އެހެންނަމަވެސް އެއްފަހަރާ ގިނަ އޯޑަރުތަކެއް ލިބި، ޑެލިވަރީތަށް ކުރުމުގައި ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ސަލާމަތީ ބާރުތަކުންވެސް ދަނީ ޑެލިވަރީގެ ޙިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުންނެވެ. އަމްރުވަނީ އެފަރާތްތަކުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެސްޓީއޯގެ އީސްޓޯ.އެމްވީ މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއަދު އޯޑަރު ހުޅުވާލިއިރު، ފުރަތަމަ އެއްގަޑިއިރުގެ ތެރޭގައި 800އަށްވުރެ ގިނަ އޯޑަރވަނީ ލިބިފައިކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ.