ޚަބަރު

ބައެއް ފަރާތްތަކުން އިރުޝާދުތަކަށް ތަބާނުވާތީ ކަންބޮޑުވޭ: ވެމްކޯ


ކޯވިޑް 19ގެ ލޮކްޑައުން ޙާލަތާއި ގުޅިގެން ވެމްކޯއިންދޭ ކުނީގެ ޚިދުމަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުންޏާއި މެދު ގޭގެއިން ޢަމަލުކުރަންޖެހޭ ގޮތާއި ޚިދުމަތްތައްދޭ ގޮތަށްވެސްވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ. އެ ކުންފުނިން މަސައްކަތްކުރަނީ ކުންފުނީގެ މުޢައްޒަފުންނަށް ވީހާވެސް ލުއިގޮތްތަކަށް މަސައްކަތް ބައްޓަންކޮށްދިނުމަށެވެ.

ލޮކްޑައުންއާއި ގުޅިގެން މާލޭގެ ގެތަކުން މިހާރު ޖެހެނީ އުކާލަން ބޭނުންވާ ކުނި މަގުމައްޗާއި ހަމައަށް ނެރެދޭށެވެ. މިއީ ވެމްކޯގެ މުޢައްޒަފުން ގޭގެއަށް ވަންނަ ނަމަ އޮންނަ ރައްކާތެރިކަން ކުޑަވާނެތީ އާއި އަދި އަވަހަށް މަސައްކަތް ނިންމައި ގެއަށް ދެވޭނެގޮތް ހެދުމަށް އަންގާފައިވާ އެންގުމެކެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖަރ ފޮރ ހައުސްހޯލްޑްސް ޝާން ވިދާޅުވީ ޚިދުމަތް ހޯދާ ގިނަ ބަޔަކު އިރުޝާދުތަކަށް ސަމާލުކަންދީ ކުނި ކޮތަޅު ބަންދުކުރުމުގައިވެސް އިރުޝާދަށް ތަބާވަމުންދާކަމަށެވެ. ނަމަވެސް ބައެއް މީހުން ޢަމަލުތައް ބަހައްޓާގޮތުން މަސައްކަތް އިތުރަށް ބުރަވަމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

ވެމްކޯއިން ކޮންމެ ދުވަހަކުދަނީ 36،000ގޭބިސީ އާއި، އަދި 12ހާހަށްވުރެ ގިނަ ވިޔަފާރިކުރާ ތަންތަނުން ކުނި އުކަމުންނެވެ. މީގެތެރޭގައި ރެޖިސްޓަރ ނުކޮށް ހުރި އެތަށް ތަނެއް ހިމެނޭއިރު، އެފަދަ ތަންތަން އިސްތިސްނާ ކުރުމެއް ނެތި ދަނީ ޚިދުމަތްދެމުންނެވެ.

ޝާން ވިދާޅުވީ ބައެއް މީޙުންގެ ޢަމަލުތައް ހުންނަގޮތުން ވެށިފާރަވެރިންނަށް އެތަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ.

"ބައެއް މީހުން ކުނި ނެރޭ އެއްކޮތަޅަށް ލާފަ. ކޮތަޅު ދެރަވީމަ ފަޅައިގެންވެސްދޭ. އެހެންވެ އިރުޝާދު ދެނީ 2 ކޮތަޅަށް ލާން. އަދި އެބަފެނޭ މަތީބުރީގަ ހުރެފައި ތިރިއަށް ކުނި ކޮތަޅު ވަޓާލާތަންވެސް. މިހެން ހެދީމަ އަނެއްކާ އެތަންތަންވެސް ސާފުކުރަންޖެހޭ. މިިހެން ނަަހައްދަވާ، މި ފިޔަވަޅުތަކަކީ ވެށިފާރަވެރިންގެ ރައްކަލަށް އަންގާ އެންގުން."ޝާން ވިދާޅުވިއެވެ..

މިހާރު ޢަމަލު ކުރަމުންދާގޮތުގައި ކޮންމެ ދުވަހެއްގެ މެންދުރު 12:00އާއި 14:00އާއި ދެމެދު ކުނި މަގުތަކަށް ނެރެފަ ބަހައްޓަން ވަނީ އަންގާފައެވެ. ވެމްކޯގެ މުޢައްޒަފުން ކުނި އުކަން ނިކުންނަނީ 14:00ގައެވެ. އެހެންކަމުން ކުނި ބަލާ ނިކުންނަ ވަގުތުގެ ކުރިން ކުނިތަށް ނެރެ ނިންމުމަށް ވެމްކޯއިންވަނީ އިލްތިމާސްކޮށްފައެވެ.

"ވިޔަފާރީގެ އެކި ޚިދުމަތްދޭ 12،000ތަން އެބަހުރި. ހާހެއްހާ ތަނުން ރެޖިސްޓަރ ކޮށްގެން ކުނި އުކަނީ. މިހާރު މިތަންތަނުން މަގަށް ކުނިތަށް ނެރުނީމަ ވަރަށް ދަތިވޭ. އަޅުގަނޑުމެން އެދެނީ ކޮމާޝަލް ތަންތަނުން ގިނަ ކުނި އުކުމަށް ކެޕްސްލައިޓް ޚިދުމަތް ހޯދުން. 1666އަށް ގުޅައިން ކުރިއަށްގެންދަވާ." ޝާން ވިދާޅުވިއެވެ.

ވެމްކޯއިން ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެށިފާރަވެރިންނަށް ވީހާވެސް ލުއިވާނެހެން އަމަލުތައް ބެހެއްޓުމަށް އެކުންފުނިންގެންދަނީ އާއްމުންގެ ކިބައިން އެދެމުންނެވެ.