ޚަބަރު

ކޯވިޑް-19 : ދިވެހި ޑޮކްޓަރުން ވަމުންދާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ޙިދުމަތެއް


ދިވެހި ޑޮކްޓަރުން ޤައުމަކަށްޓަކައި ވަމުންދާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ޙިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ދުވަހާއި ޑޮކްޓަރުން ކުރިމަތިލާފައި މިވަނީ ޙިދުމަތުގައި އެތަކެއް ގުރުބާނީތަކެއް ޤައުމަށްޓައި ވަމުންދާ ދަނޑިވަޅެއްގައިކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިން ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ދުވަހަކުވެސް ނުރައްކާތެރި އެކި ހާލަތްތަކާއި ކުރިމަތިލައި ހިތްވަރާއެކު މަސައްކަތް ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ މުޖުތަމައުގައި ބަލި ފެތުރެމުންދާއިރު، ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް ޞިއްޚީ ދާއިރާގެ ބޭފުޅުންދަނީ ކުރައްވަމުންނެވެ. އަދި މިހާލަތުގައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެފަހުބަސް ވިދާޅުވެ ކަންކަން ނިންމާނީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުތަކުގެ މަތީންކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވަނީ ވިދާޅުވެފައެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ދިވެހި ޑޮކްޓަރުން ވަރުބަލިކަމެއްނެތި ކުރައްވަމުންދާ ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޤައުމަށް ދިމާވާ މިފަދަ ޚުޠޫރައްތެރި ކޮންމެ ދަނޑިވަޅެއްގައި ސިއްޙީ ޚިދުމަތްތެރިން ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން އިންސާނިއްޔަތަށްޓަކައި ކުރައްވާ މަސައްކަތް ކޮންމެ ދުވަހަކުވެސް ފާހަގަކުރައްވާ ކަމަށެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅިގެން ނާއިބް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ޑޮކްޓަރުން ކޮންމެ ދުވަހަކު ޤައުމަށްޓަކައި ވަމުންދާ ގުރުބާނީއަކީ ޝުކުރު ޙައްޤު ބުރަ މަސައްކަތެއް ކަމަށެވެ.

ޑޮކްޓަރުންގެ ދުވަހުގެ ތަނުހިޔާ ދައުލަތުގެ އިސްވެރިންނާއި، ސިޔާސީ ބޭފުޅުންނާއި، އެކިއެކި މުވައްސަސާތަކާއި އާންމު ފަރުދުންވެސް ވަނީ ޑޮކްޓަރުންނަށް ފޮނުވަމުންނެވެ. އަދި މިހާލަތުގައި ޑޮކްޓަރުން ޤައުމަށްޓަކައި ވަމުންދާ ޤުރުބާނީއަށް ހިފެހެއްޓުމެއްނެތި ސޯޝަލް މީޑިޔާގައިދަނީ ތައުރީފް އޮހެމުންނެވެ. އަދި މި ނުރައްކާތެރި ދަނޑިވަޅުގައި ރައްޔިތުންނަށް ސަލާމާތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ޑޮކްޓަރުން ވަމުންދާ ޤުރުބާނީއަކީ ދުވަހަކުވެސް މިފަސްގަނޑުން ފިލައިގެންނުދާނޭ ހަނދާންތަކެއްކަމުގައި ބައެއް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުޡްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދު ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އެބޭފުޅުންގެ މަސައްކަތަކީ ސެލިއުޓް ހައްޤު މަސައްކަތްތަކެއްކަމަށެވެ. މިހާލަތުގައި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ޑޮކްޓަރުން ވަމުންދާ ޤުރުބާނީއަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ހިއްދަތި ދަނޑިވަޅުން އަރައިގަތުމަށް ޑޮކްޓަރުންދަނީ ރައްޔިތުންނަށް ގޭގައި ތިއްބެވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ. އަދި ރާއްޖޭގެ ޞިއްޚީ ނިޒާމުގައި މަސައްކަތް ކުރައްވަމުންދާ ޑޮކްޓަރުންނާއި، ޞިއްޚީ ޙިދުމަތްތެރިންނަށް ނުކަތާވަރަށް ޙިދުމަތް ދޭންނުޖެހޭނެ ގޮތަކަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ޑޮކްޓަރުންދަނީ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަމުންނެވެ.