ޚަބަރު

ކޯވިޑް-19 : މީޑިއާތަކުންވެސް އެޗްޕީއޭއިން ހާމަކުރައްވާ މަޢުލޫމާތު ފޯރުކޮށްދީ


މިވަގުތު ސޯޝަލް މީޑިޔާގައި ދައުރުވާ ޚަބަރުތަކަށް ބަރޯސާނުވެ އެޗްޕީއޭއިން ފޯރުކޮށްދޭ މައުލޫމާތުތަކަށް އެންމެހައި ބޭފުޅުން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ މިދަނޑިވަޅަކީ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވަންވީ ވަގުތުކަމަށެވެ. ރައްޔިތުންނަށް އޮޅުން އަރާގޮތަށް އިތުރު ހާސްކަމެއްގެ ތެރެއަށްދާފަދަ މައުލޫމާތާއި ޚަބަރުތައް ފެތުރުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

މިހާލަތުގައި ރާއްޖޭގެ ހުރިހާ މީޑިޔާއަކުންވެސް މިކަމުގައި އެޗްޕީއޭއިން ފޯރުކޮށްދޭ މައުލޫމާތުތަކަށް ބަރޯސާވުމަށް މަބުރޫކްވަނީ އިލްތިމާސް ކުރައްވާފައެވެ. ސޯޝަލް މިޑީޔާގައި ދެކެވޭ ކޮންމެ ވާހަކަޔަކާއި، އަދި ފެތުރާ ކޮންމެ މައުލޫމާތަކީ އެކަމުގެ ސައްޚަކަން ކަށަަރުނުކޮށް ރައްޔިތުންނަށް ދޫކޮށްލާ މައުލޫމާތަކަށް ވެއްޖެނަމަ އެކަމުން ވަރަށް ނޭދެވޭ އަސަރުތައް ކުރަމުންދާނެކަމަށެެވެ.

މިހާލަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަރަށްބޮޑު ކަންބޮޑުވުމަކާއި، ނުތަނަވަސް ކަމެއްގައި ތިބި ވަގުތަކަށްވާއިރު، ސައްޚަނޫން މައުލޫމާތު ނުފެތުރުމަށް މަބުރޫކްވަނީ އިލްތިމާސް ކުރައްވާފައެވެ. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ހިނގާ ހުރިހާކަމެއް ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމަށް އެޗްޕީއޭއިން ޕްރެސް ކޮންފަރެސްބާއްވަމުންދާކަމަށެވެ. މިކަމުގައި އެޗްޕީއޭއިންވެސް އަދި ސަރުކާރުންވެސް ފޮރުވާނެ ކަމެއް ނެތްކަމަށެވެ.

މިހާލަތުގައި ސަރުކާރުންވެސް އަދި ކަމާއި ގުޅުންހުރި ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް މިކަމުގައި ހުރިހާ ކަމެއް ހާމަކޮށް ސާފްކޮށްދިނުންކަމަށެވެ. މިމަކަކީ ވަކި މައުލޫމާތެއް ފޮރުވައިގެން، ނުވަތަ ވަކި ކަމެއް ސިއްރުކޮށްގެން ރައްކާތެރިކަމެއް އޮތްކަމެއް ނޫންކަމަށެވެ. އެހެންކަމުން ހުރިހާ މީޑީޔާތަކުންވެސް ލިބޭ މައުލޫމާތުތައް އެޗްޕީއޭއިން ކަށަވަރު ކުރުމަށްފަހު ނޫނީ ނުފެތުރުމަށް މަބްރޫކްވަނީ އިލްތިމާސް ކުރައްވާފައެވެ.