ރިޕޯޓް

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް


ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ގަލޮޅު ރަސްމީދަނޑުގައި ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ދެކަނބަލުންނެވެ.ރާއްޖޭގެ މިނިވަންކަމަށް ދިމާވި އެކިކަހަލަ ގޮންޖެހުންތަކާއި، ރާއްޖޭގެ ތާރީޚީ އަދި ސަޤާފީ ކަންކަން ދައްކުވައިދޭ އެކިކަހަލަ ހަރަކާތްތަކާއެކު ކުރިއަށްދިޔަ  މި ކުޅިވަރުތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި، ސްކޫލުކުދިންގެ އިތުރުން، އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، މި މަންޒަރުތައް ބަލާލުމަށްޓަކައި ގަލޮޅުދަނޑަށް 12000އަށްވުރެ ގިނަ މީހުން ވަނީ ގޮސްފައިއެވެ.ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި ގަލޮޅު ރަސްމީދަނޑުގައި ކުރިއަށްދިޔަ ހެވިކަމާ ކުޅިވަރުގެ ހަރަކާތްތައް ފަށާފައިވަނީ އަސްކަރީ ހެވިކަން ދައްކާލުމުގެ ހަރަކާތަކުންނެވެ. މި ހަރަކާތުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެކި ރޭންކްތަކުގެ 300 ސިފައިންގެ އިތުރުން ފުލުހުންނާއި މޯލްޑިވްސްގެ ކަރެކްޝަނަލް ސަރވިސްގެ ގެމަތައް ބައިވެރިވިއެވެ. އަދި އެކި ސްކޫލުތަކުގެ 500 އަށްވުރެ ގިނަ ކެޑޭޓުންނާއި، ބޭންޑް މެންބަރުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވޭ. ހެވިކަމުގެ ލަޝްކަރުތަކާއެކު ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ބޭންޑާއި ސްކޫލުތަކުގެ ބޭންޑުންވެސް ވަނީ ބައިވެރިވެފައެވެ.ހެވިކަމުގެ ހަރަކާތައްފަހު، 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ދެން ފެނިގެންދިޔާއި، ރާއްޖެ އުފެދިގެން އައިގޮތް ދައްކުވައިދޭ ހަރަކާތެކެވެ. "ވަން ނޭޝަން ލައިޓްސް"ގެ ނަމުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ޤައުމުގެ މިނިވަންކަމާއި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެ މުޖުތަމައުއެއްގެ ތެރޭގައި އެއްބައިވަންތަކަން އޮތުމުގެ މުހިއްމުކަން ވަނީ ދައްކުވައިދީފައިެވެ. 180 ދަރިވަރުންގެ ބައިވެރިވުމާއެކު ދެންފެނިގެންދިޔައީ މާލޭގެ އެކި ސްކޫލުތައް ގުޅިގެން ހުށަހަޅައިދިން ޑާންސް ޑްރިލްއެކެވެ."މަރުޙަބާ" މިނަމުގައި ކުރިއަށްދިޔަ މި ހަރަކާތުން ދައްކުވައިދީފައިވަނީ ދިވެހިންގެ ހިތްހެޔޮކަމާ، މެހެންމާން ދާރީއެވެ. ސްކޫލުކުދިންގެ ޑްރިލްގެ އިތުރުން، އަސްކަރީ ހެވިކަމާ ބޭންޑް ދައްކާލުމަށް ކުރިއަށްގެންދިޔަ "މިއުޒިކަލް ޑްރިލް" ވެސް ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުވާލި އެއް ހަރަކާތަށެވެ. ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 48 ސިފައިން ހުށަހަޅައިދިން މި ހަރަކާތުގެ އިތުރުން އަސްކަރީ ބޭންޑްގެ ޙާއްސަ ދައްކާލުމެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފެނިގެންގޮސްފައެވެ.މިނިވަން ފަންސާސް އުފާ ފާހަގަކުރުމަށް ކުރިއަށްދިޔަ ކުޅިވަރުގެ ހަރަކާތްތަކުގައި ފެނިގެންދިޔަ އެންމެ ޚާއްސަ އެއް ހަރަކާތަކީ، ރާއްޖޭގެ ތާރީޙުގައިވެސް ފުރަތަމަ ފަހަރަށް ދިވެހިންތަކެއް ސްކައިޑައިވް ކުރި ނުވަތަ ވައިފީނި މަންޒަރެވެ. ތިން ބައިވެރިންނާއެކު ކުރިއަށްދިޔަ މި ހަރަކާތުގައި ވައިކުޑައިގެ އެހީގައި ސްކައިޑައިވަރުން ތިންހާސް ފައްސަތޭކަ ފޫޓު މަތިން ގަލޮޅުދަނޑަށް ފުންމާލާފައިވަނީ ރާއްޖޭގެ ޤައުމީ ދިދައާއި، މިނިވަން ފަންސާހުގެ ރަސްމީ ލޯގޯ ހިމެނޭ ދިދައާއެކުއެވެ. މީގެ އިތުރުންވެސް 1990އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ބައެއް ޤައުމީ ލަވަތައްވެސް، އެލަވަތައް ކިޔާފައިވާ އަސްލު ފަންނާނުންނާއެކު ވަނީ ހުށަހަޅާދީފައިއެވެ.ހެވިކަމުގެ ހަރަކާތްތަކުގެ އިތުރުން، ރާއްޖޭގެ ތަރީހުގައި ދިވެހިން މިނިވަންކަމަށް ކޮށްފައިވާ ދަތުރުގެ އުސްއަލިތައް ދައްކުވައިދިނުމަށް ޤައުމީ ދިފާޢީ ބާރުން ހުށަހަޅައިދިން ހަރަކާތަކީވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގެން ހަރަކާތެކެވެ ލަވައާއި، ނެށުމާއި، ޑްރާމާގެ އެކި ހަރަކާތްތައް އެކުލެވޭ މި ހުށަހެޅުމުގައި 600 އަށްވުރެ ގިނަ ސްކޫލް ދަރިވަރުންނާއި، 270 ޢާންމުންނާއި، އޮފީސްތަކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.ހެވިކަމާއި ކުޅިވަރުގެ މި ހަރަކާތްތައް ބަލާލުމަށްޓަކައި، 12000އަށްވުރެ ގިނަ ދިވެހިން ގަލޮޅުދަނޑަށް ގޮސްފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ޕްރޮޖެކްޓަރ އަޅުވައިގެންވެސް ގިނަ ބަޔަކު ވަނީ މި މަންޒަރުތައް ބަލާފައެވެ. އެކި އުމުރުފުރާގެ ސްކޫލުކުދިންނާއި، ޤައުމީ ދިފާޢީ ބާރުން ހުށަހަޅައިދިން މި ހަރަކާތްތައް ނިންމާލާފައިވަނީ ލޭޒާ ލައިޓާއި ހަވާއެރުވުމުގެ ކުލަގަދަ ހަރަކާތްތަކަކާއިއެކުގައެވެ.މިރޭގެ ހަރަކާތްތައް ނިންމާލިއިރު މާލޭގެ 3 ސަރަހައްދެއްގައި ހަވާއަރުވާފައިވެއެވެ.