މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ދެމުންގެންދާ މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް އަލުން ފެށުމުގައި ޢަމަލުކުރާނެގޮތްތައް މިއަދު ކަނޑައަޅާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޕީއެސްއެމްއާއި ވާހަކަދައްކަވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯޓްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ލޮކްޑައުންއާއި ގުޅިގެން ހެލްް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމަށްކަމަށެވެ.
އަދި އަލުން މުދާ ނެރެން ފަށާނެ ވަގުތުތެއް މިއަދު ބާއްވާ މަޝްވަރާ ބައްދަލުވުމަކަށްފަހު އަންގާނެކަމަށް އޭނާ ވިދާޅުވިއެވެ. އެމްޕީއެލްއިން ބުނެފައިވަނީ ކަމާއިގުޅޭ ފަރާތްތަކުގެ މަޝްވަރާއާއިއެކު ވީހާވެސް އަވަހަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ވިޔަފާރިތަކަށް ދަތި ނުވާނެހެން، އަދި މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމްތަކަށް އެމްޕީއެލްއިން އައީ ތައްޔާރުވަމުންނެވެ.
އެގޮތުން އެންމެ ޙާލަތު ގޯސްވާއިރުވެސް ޚާއްސަ ވޯކް ފޯސްއެއް ނެރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތަކަށްވަނީ ތައްޔާރުވެފައެވެ.
ނަމަވެސް ވަގުތު ނަގަނީ މިފަދަ ޙާލަތެއްގައި މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ބައެއް ތައްޔާރީތައް ހުރުމުންކަމަށް އެކުންފުނިންވަނީ ބުނެފައެވެ. މުދާ ކުލިއަރ ކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ޕްރޮސެސްތައް ހިންގާ މަސައްކަތެކެވެ.
އެމްޕީއެލްއިން ދަނީ ކޯވިޑް-19 އާއި ގުޅިގެން ބަނދަރުތަކުގައި ޚާއްސަ އުސޫލެއްގެ ދަށުން ކަންކަން އިންތިޒާމް ކުރަމުންނެވެ.