ޚަބަރު

ކޯވިޑް-19 : މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ


މާލެއިން އިތުރު ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިފަހަރު ޕޮޒިޓިވްވި މީހަކީ މާލެއިން، ކޯވިޑް-19އަށް ޕޮޒިޓިވްވި 3ވަނަ މީހާއާ ސީދާ ދިމާވި މީހުންގެތެރެއިން މިބައްޔަށް ޕޮޒިޓިވްވި މީހެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ޕޮޒިޓިވްވި މީހާއަކީ ރާއްޖޭގެ "ކޭސް23"ގެ ގޮތުގައި ފާހަގަކުރެވިފައިވާ ބަލިމީހާއާ ސީދާ ދިމާވި މީހެއްކަމަށެވެ.

މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވީކަން މިދިޔަ ބުދަދުވަހު ހާމަވެފައިވާއިރު މިމީހާއާއެކު މިހާތަނަށް މާލެއިން 6 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މާލޭގެ އެލަރޓް ލެވެލްވަނީ ރަތަށް ބަދަލުކޮށްފައެވެ.

މާލެއިން ކޯވިޑް-19 އަށް ފުރަތަމަފަހަރަށް މިހަކު ޕޮޒިޓިވްވީކަން ހާމަވީ މިދިޔަ ބުދަދުވަހުއެވެ. އެދުވަހުގެ ރޭވަނީ އިތުރު ދެމީހަކު ޕޮޒިޓިވްކަން ހާމަވެފައެވެ. މި 3 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން ރިސްކުބޮޑު 82 މީހަކު ފާހަގަ ކުރެވިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ވިދާޅުވެފައެވެ.

ނޭނަޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި 3 މީހުންނާ ސީދާ ދިމާވި ގިނަބަޔަކު ދެނެގަނެވިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 2 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން 75 މީހުން، ހައި ރިސްކް މީހުންގެ ގޮތުގައި ބެލެވޭކަމަށެވެ. އަދި މީޑިއަމް ރިސްކު މީހުންގެ ގޮތުގައި 43 މީހަކު ފާހަގަކުރެވިފައި ވާކަމަށާ، ލޯ ރިސްކު މީހުންގެ ގޮތުގައި 89 މީހަކު ފާހަގަ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ މިހާގިނަ ޢަދަދެއްގެ ބަޔަކު ބަލިޖެހިފައިވާ މީހުންނާ ސީދާ ދިމާވެފައިވާކަން ފާހަނގަކުރެވި މީހުން އެކަހެރިކުރެވެމުންދަނީ މިމީހުންގެ ފަރާތުން ފެނުނު ކަންތައްތަކަށް ބެލުމަށްފަހުކަމަށެވެ.

މިމީހުންގެ ތެރޭގައި މިޙާލަތުގައިވެސް ބައެއް އެއްވުންތައް ބާއްވައި އެކަންކަމުގައި ބައިވެރިވެފައިވާ މީހުން ހިމެނޭކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މަސްދަތުރުތަކާއި ޕާޓީތަކާއި އެއްވެގެން ފިނިބުރުޖެހުންފަދަ ކަންކަމުގައި ބައިވެރިވި މީހުން ހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.