ޚަބަރު

ކޯވިޑް-19 : މާލެއިން ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުންގެ އަދަކީ ކުރިން ލަފާވެސް ކުރި އަދަދެއްނޫން


ކޯވިޑް-19އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުންގެ އަދަދަކީ ބަލި ރާއްޖެއިން ފެނިއްޖެ ހާލަތެއްގައިވެސް ކޮންޓެކްޓް ވެދާނެކަމަށް އުންމީދުވެސް ނުކުރާވަރުގެ އަދަދެއް ކަމުގައި ޓެގްޓީމުގެ ޑޮކްޓަރ، ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ ކޯވިޑް-19އަށް ދުރާލައި ތައްޔާރުވެ ރާއްޖެއިން މުހިންމު ފިޔަވަޅުތަކެއް އެޅިކަމަށެވެ. މާލެއިން ކޯވިޑް ފެނުމުގެ ކުރިން މިވީ މުއްދަތުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާއިއެކު ކަމާއިބެހޭ ފަރާތްތަކުން ކޮންމެ ދުވަހަކުވެސް ޚާއްސަ އިލްތިމާސްތަކެެއް ދަނީ ކުރަމުންނެވެ.

ޑރ.އަފްޒަލް ވިދާޅުވީ ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރި ކޮމިއުނިޓީ ސްޕްރެޑަކަށް ނުދާނޭ ހުރިހާ ގޮތަކަށް ފިޔަވަޅުތައް އެޅުނުނަމަވެސް އާންމުންގެ ތެރެއިން ބަޔަކު އެކަމަށް އެއިޖާބަ ނުދިންކަމީ މިއަދު މިހާލަތަށް ރާއްޖެ ދާންޖެހުނު ސަބަބުކަމަށެވެ. ގައިދުރުކޮށް، ގިނަ މީހުން އެއްވާތަންތަނަށް އެއްނުވުމަށާއި، ޞިއްޚީ ސަލާމަތަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ތަކުރާރުކޮށް އިރުޝާދު ދެވުނުކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި މާލެއިން ބަލި ފެނިއްޖެ ހާލަތެއްގައިވެސް ބަލި ފެންނަ މީހާއާއި ކޮންޓެކްޓްވި މީހުންގެ އަދަދު މިވަރަށް އަރައިގެން ގޮސްދާނެކަމަށް ކުރިން ލަފާވެސް ކުރެވިފައިނުވާކަމަށް ޑރ ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މާލެއިން މިއަދު ފެނިގެން މިދާ މަންޒަރަކީ ރައްޔިތުން ވަކިން ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އިބްރަތެއް ހާސިލް ކުރަންޖެހޭ ކަމެއްކަމަށެވެ. މާލެއިން ބަލި ފެނުމާއި ހަމަޔަށް މާލޭގައި ދިރިއުޅޭ މީހުން ޤަބޫލުކުރަމުން އައީ މާލެ އޮތީ ރައްކާތެރިކޮށްކަމަށާ ޑޮކްޓަރުންނާއި، ކަމާއިބެހޭ ފަރާތްތަކުން ތަކުރާރުކޮށް ގެއިން ނުނިކުމެ، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެންގުމުންވެސް ޕާޓީތައް ބޭއްވުމާއި، މަސް ދަތުރު ދިއުމާއި، ފިނިބުރުޖަހަން ދިއުންފަދަ ކަންތައް ކުރިކަމީ މިއަދު މިހާލަތަށް މާލެ ދާންޖެހުނު އެންމެބޮޑު ސަބަބުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޯވިޑަކީ ފަސޭހައިން އެކަކުގެ ގައިން އަނެކާގެ ގަޔަށް ފެތުރޭ، އެހާމެ ނުރައްކާބޮޑު ބައްޔެއްކަން ސިއްޙީ ޚިދުމަތްތެރިން ރައްޔިތުންނަށް ކިޔައިދެމުންދިޔަ ނަމަވެސް މިކަން ބަލައިނުގަންނަނަމަ ރާއްޖޭގެ ހާލަތުވެސް ގޯސްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑރ.ވިދާޅުވިއެވެ. އަދި މިހާރު މިއޮތް ހާލަތަކީ ފާއިތުވި ދުވަސްތަކުން އިބުރަތް ހާސިލުކޮށް ދިރިއުޅުމުގެ ކަންކަން އާގޮތަކަށް ބައްޓަންކުރަންވީ ވަގުތުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ޑޮކްޓަރ ވިދާޅުވީ މާލެއިން ބަލި ފެނުމަކީ މުޅި ރާއްޖެއަށްވެސް މިކަމުގެ ނުރައްކާ އިންތިހާއަށް އޮތް ކަމެއްކަމަށެވެ. އަދި މިހާލަތުގައި ހުރިހާ ރައްޔިތުންވެސް މިކަމުގެ ނުރައްކާތެރިކަން އޮތް މިންވަރު ދެނެގަނެ ސަމާލުކަން ދިނުމަށް ޑރ.އަފްޒަމް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު ދިވެހި ޤައުމު ރައްޔިތުންގެ އެހީތެރިކަމަށް ގޮވާލަމުންދާއިރު، ޤައުމު އެދި ގޮވާލާ ގޮވާލުމަށް ރައްޔިތުން އިޖާބަ ދެއްވުމަށް ޑޮކްޓަ ވަނީ އާދޭހާއިއެކު ދަންނަވާފައެވެ. މިހާލަތުގައިވެސް ކެތްތެރިކަމާއިއެކު ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ކިޔަމަންވެ އިޖާބަ ދެއްވުމަކީ މިހާލަތުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ފިޔަވަޅުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.