ޚަބަރު

އެޗްޕީއޭގެ އިރުޝާދުތަކާއެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިއުމުގައި އުޒުރެއް ނެތް - ނަޝީދު


ކޯވިޑް19 ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ރާއްޖޭގައި ނެތުމާއެކު، ކޮންމެހެން ކުރަންޖޭ މަސައްކަތްތައް ކުރުމަށް އެޗްޕީއޭގެ މިންގަނޑުތަކާއެއްގޮތަށް މަޖިލީހުގެ ޖަލްސާތައްކުރިއަށްގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ދައުލަތުގެ އިދާރާތައް ބަންދުކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވަންމުންދާއިރު، ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބޭއްވޭނެ ގޮތްތަކާއި ގުޅޭގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހަމަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ޕީޖީ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުން ބައިވެރިކޮށްގެން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން މިހާރު ކުރަން މަޖުބޫރުވެފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނާއި ގުޅޭ މަސައްކަތްތަކާއި، ޚާއްސަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޤާނޫނު ހެދުމުގެ މަސައްކަތް މަޑުކޮށްލައިގެން ތިބުމުގެ އުޒުރެއް މިވަގުތުނެތްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން އެޗްޕީއޭއިން ލަފާދީފައިވާ ޚާއްސަ އުސޫލުތަކެއް އެބަހުރިކަމަށާއި އެއާއެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދެވޭނެކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިދަނޑިވަޅުގައި ސަރުކާރަށްވެސް މަޖިލީހުގެ ލަފަޔާއި އިރުޝާދު ބޭނުންވާ ކަންތައްތަކެއް ހުންނާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން އެންމެން ގުޅިގެން ކުރާ މަސައްކަތުން ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެވޭނެކަމަށާއި، މިއީ ރާއްޖެ ބަނޑަށް ޖެހޭނެ ހާލަތެއް ކަމަށް ގަބޫލުނުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޕީޖީ ލީޑަރުންނާއި ކޮމިޓީތަކުގެ މުޤައްރިރުންވެސް ވަނީ މިވަގުތައް ޖަލްސާތައް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުދާނަމަ ބައެއްކަންކަން އެންމެ ރަނގަޅުގޮތުގައި ނުނހިގުމަކީ އެކަށީގެންވާކަމެއްކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތުން އަރައިގަތުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭއިރު ޖޫން މަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފަތުރުވެރިން އަންނާނެކަމަށް ބެލެވުނުނަމަވެސް އާންމު އުސޫލުން ފަތުރުވެރިން ރާއްޖެއަންނަން ފަށާނެކަމަށް ޤަބޫލުކުރެވެނީ އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.