ޚަބަރު

ކޯވިޑް-19 : ބަލިޖެހުނު މީހުންގެ އަދަދު 1.9 މިލިޔަނަށްވުރެ މައްޗަށް


ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު 1.9 މިލިޔަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ 210 ޤައުމެއްގައި ކޯވިޑް 19 ފެތުރި ބަލީގައި އެތައްބަޔަކު ފަރުވާ ހޯދަމުންދާއިރު، މިހާތަނަށް މިބަލީގައި 119,701 މީހުން ވަނީ މަރުވެފައެވެ. މިތަފާސް ހިސާބުތަކުން ބަލީގެ ސީރިއަސް ހާލަތުގައި މިހާރުވެސް 51000 އަށްވުރެ ގިނަ މީހުން އެބަތިބިއެވެ. މިހާތަނަށް 447،000 އަށްވުގެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

ބަލި ފެތުރުން ކޮންޓްރޯލްނުވެ އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދަނީ ޔޫރަޕްގެ ބޮޑެތި ޤައުމުތަކުގައެއެވެ. މިބަލި އެންމެބޮޑަށް ފެތުރި ބަލީގައި މަރުވާމީހުން އެންމެ ގިނައިން މަރުވާ ޤައުމުގެ ގޮތުގައި ރިޕޯޓްތަކުން ދައްކަވަނީ އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު އުޅެނީ 587,000 ވުރެ މަތީގައެވެ. ބަލީގައި އެޤައުމުން 23،000 އަށްވުގެ ގިނަ މީހުން މަރުވެފައިވެއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ، ސްޕެއިން، ފްރާސް، ޖަރުމަނުން ކޮންމެ ދުވަހަކުދަނީ އެތައްހާސް ބަޔަކަށް ބަލިޖެހި ބަލީގައި މަރުވަމުންނެވެ.

އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ބަލި އެންމެ ހަލުވިކަމާއިއެކު ފެތުރޭ ޤައުމެއްގެ ގޮތުގައި ފާހަނގަކުރެވިފައިވަނީ އިންޑިޔާއެވެ. އިންޑިޔާގައި ބަލިޖެހުނު މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރާފައިވާއިރު އެޤައުމުން ވަނީ 350 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އިންޑިޔާގައިވެސްވަނީ ބަލި ކޮންޓްރޯކުރުމަށް ކާފިއު އިއުލާންކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް ދުނިޔޭގެ ގިނަ ޤައުމުތައް ފުރަބަންދުކޮށް ވަނީ ޤައުމުތަކުގެ އެތެރޭގައި ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. ބަލި ކޮންޓްރޯލްކޮށް ބަލިން އަރައިގަތުމަށް މިހާތަނަށް އެއްވެސް ޤައުމަކަށް ކާމިޔާބީއަކާއި ހަމަޔަށް ވާސިލްވެފައިނުވާއިރު، ރައްޔިތުން ކުރިން ދިރިއުޅެމުންދިޔަ ގޮތް ބަދަލުކޮށް މިހާލަތާއި އެއްގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.