ކޯވިޑް-19

ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސަނީ


ކޯވިޑް-19އަށް ފަރުވާ ދެވޭނެ އިންތިޒާމް ރާއްޖޭގެ 5 ސަރަޙައްދެއްގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެން.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑް-19އަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާރު 5 ސަރަޙައްދެއް ކަނޑައެޅި، އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ 5 ސަރަހައްދާއި، އެތަންތަނުގައި ހަމަޖައްސާ އިންތިޒާމްތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.

އަތޮޅުތަކުގައި ފަރުވާ ދިނުމަށް ހަމަޖެއްސި ސަރަޙައްދުތައް:

  • ށ. އަތޮޅު ހޮސްޕިޓަލް : 20 އައި.ސީ.ޔޫ / 37 އައިސޮލޭޝާން އެނދު
  • ބ. އަތޮޅު ހޮސްޕިޓަލް : 20 އައި.ސީ.ޔޫ / 37 އައިސޮލޭޝަން އެނދު
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް : 20 އައި.ސީ.ޔޫ / 23 އައިސޮލޭޝަން އެނދު
  • ގއ. އަތޮޅު ހޮސްޕިޓަލް : 23 އައި.ސީ.ޔޫ / 12 އައިސޮލޭޝަން އެނދު
  • ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް : 23 އައި.ސީ.ޔޫ / 22 އައިސޮލޭޝަން އެނދު


މަބްރޫކް ވިދާޅުވީ، މި 5 ސަރަޙައްދުގައިވެސް އައި.ސީ.ޔޫތަކާއި، އައިސޮލޭޝަން އެނދުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަންތަނުން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާތަނަށް ހަމަޖައްސާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގައި އެކަންޏެވެ. ކޯވިޑް-19 ގެ ސަބަބުން ދިމާވެދާނެ އެންމެ ނުރައްކާތެރި ޙާލަތަކަށްވެސް ރާއްޖެ ތައްޔާރުވުމަށްޓަކާ ޤާއިމުކުރަންޖެހޭ ވަސީލަތްތަކާއި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން މި ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރ އިތުރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ. އަދި ބައްޔަށް ޓެސްޓު ކުރުމަށް ބޭނުންވާ ޓެސްޓް ކިޓު މަދު ނުވާވަރަށް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.