ކޯވިޑް-19

ކޯވިޑް-19 : އިންތިޒާމްތައް ހަމަޖެއްސުމުގައި މާލީ ދަތިކަމެއްނެތް - ޑރ. ނަޒްލާ


ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޤާއިމުކުރަންޖެހޭ ވަސީލަތްތައް ޤާއިމުކުރުމުގައި މިވަގުތު މާލީ އެއްްވެސް ދަތިކަމެއް ނެތްކަމުގައި ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗް.ޕީ.އޭގެ ކޮމިއުނިކަބަލް ޑިސީސް ޑިޕާޓްމަންޓްގެ ހެޑް ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ސެންޓަރުގެ ފަރާތުން ކުރަމުންދާކަމަށެވެ. އަދި އެކަންކަމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި، ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި މާލީގޮތުން އެއްވެސް ދަތިކަމެއް އަދި ނެތްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާލީގޮތުން ދަތިކަމެއް ކުރިމަތިނުވި ނަމަވެސް، ރާއްޖެއަށްވެސް ބޭނުންވާ ތަކެތި ހޯދުމުގައި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގޮންޖެހުންތަކަކާއި ކުރިމަތިވާކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ވަޞީލަތްތައް ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވާއިރު، އެކަން ރާއްޖެއަށްވެސް ކުރިމަތިވާކަމަށާއި، ނަމަވެސް މާކެޓުގައި ތަކެތި ލިބެންހުރި މިންވަރަކުން ވީ އެންމެ އަވަހަކަށް އެތަކެތި ރާއްޖެ ގެނެއުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު ސާމާނު ހޯދުމާއި ފެސިލީޓީޒް ހޯދުމުގައި މާލީ ދަތިކަމުގެ ސަބަބުންނޭ ކިޔާފައި، ކަމެއް ނުވެފައެއްނެތް. އެފަދަ ދަތިކަމެއް ނެތް. ނަމަވެސް އެނގިވަޑައިގަންނަވާނެ ދުނިޔޭގެ އެންމެ މުއްސަނދި ކުރިއަރާފައިވާ ޤައުމުތަކަށްވެސް ސާމާނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަން. ނަމަވެސް އަޅުގަނޑުމެންވެސް މަސައްކަތް ކުރަނީ އެ ސާމާނު ވީ އެންމެ އަވަހަކަށް ހޯދުމަށް" ޑރ ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތައް އެ ސެންޓަރުގެ ފަރާތުން ބަލަމުންދާއިރު، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އާއްމުންގެ ތެރޭގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މި ބަލި ފެތުރޭތޯ ބެލުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މި ދިރާސާގެ އަލީގައި ހޯދޭ ހޯދުންތައް ވަރަށް އަވަހަށް އެ ސެންޓަރުގެ ފަރާތުން ހާމަކުރައްވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.