ކޯވިޑް-19

ކޯވިޑް-19 : ޓެސްޓްކުރުމަށް މިހާތަނަށް 2500 ސާމްޕަލް ނަގައިފި


ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާތަނަށް 2500 ސާމްޕަލް ނަގާފައިވާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެން.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެން.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޕީ.އޭގެ ކޮމިއުނިކަބަލް ޑިސީސް ޑިޕާޓްމަންޓްގެ ހެޑް ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. އެގޮތުން 19 މީހަކު ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ފަރުވާ ދެމުންދަނީ 4 މީހަކަށްކަމަށާއި، 13 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ބައްޔަށް ޝައްކުވެގެން ޓެސްޓް ކުރުމަށްޓަކާ މިހާތަނަށް 2500 ސާމްޕަލެއް ނަގާފައިވާއިރު، އޭގެ ތެރެއިން 2471 ސާމްޕަލެއް ނެގެޓިވްވެފައިވާކަމަށާއި، 10 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކާއި، ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެކަހެރިކޮށްފައިވާ މީހުން ހިމެނޭހެން އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހަކު، އަދި ކަރަންޓީން ފެސިލިޓީތަކުގައި 852 މީހަކު މިވަގުތު އެބަތިބިކަމަށް އެން.އީ.އޯ.ސީން މަޢުލޫމާތުދެއެވެ. އަދި ކަރަންޓީނުގައި ބަހައްޓާފައިވާ 59 މީހަކު ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާކަމަށްވެސް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން މޮނިޓަރިންގެ ހާލަތުން ނެގުމަށްފަހު 10 ރިސޯޓަކާއި 55 ސަފާރީއަކުން، ހަމަޖެހިފައިވާ ޢުޞޫލުގެ ދަށުން މުވައްޒަފުންނާއި ކްރޫއިން ފޭބުމުގެ ކަންކަން ކުރިއަށްދާކަމަށް އެން.އީ.އޯ.ސީން ވިދާޅުވެއެވެ.