ކޯވިޑް-19

ކޯވިޑް-19 : ފޮރިން މިނިސްޓަރ ޝާހިދު، ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޔުނެއިޓެޓް އެރެބް އެމިރޭޓްސް، ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރ ޝެއިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާއި ފޯނުން ގުޅުއްވާ، ކޯވިޑް-19 އާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި މިނިސްޓަރ ޝާޙިދު ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ޔޫ.އޭ.އީއަކީ އަބަދުވެސް ރާއްޖެއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ޔޫ.އޭ.އީންވެސް އަންނަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ޢަރަބި ޤައުމުތަކުގެ ތެރެއިން ޔޫ.އޭ.އީގައި މި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. ޔޫ.އޭ.އީންވެސް 2900 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، މިހާތަނަށް 14 މީހަކު އެ ޤައުމުން ވަނީ މި ބަލީގައި މަރުވެފައެވެ.