ޚަބަރު

ކަރަންޓީން ފުރިހަމަވިކަން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވާލާ ގޮތަށް ހަމަޖައްސައިފި


ކަރަންޓީނު މުއްދަތު ފުރިހަމަވެއްޖެ ކަން މެނޭޖްމަންޓް ތަކުން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވައިލާ ގޮތަށް ހަމަޖައްސައިފިއެވެ.

ކޯވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އެންގި އެންގުމަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އައު އުޞޫލްގައި ވަނީ ރިސޯޓް ނުވަތަ ސަފާރީއަށް އަންނަ އެންމެ ފަހު ފަތުރުވެރިޔާ ނުވަތަ އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ވެފައިވުމާއެކު އެ މުއްދަތުގައި އެއްވެސް މީހެއްގެ ކިބައިން ކޯވިޑް-19 ގެ އަލާމާތެއް ނުފެންނަނަމަ ރސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދެ ދަތުރުކުރެވޭނެކަމަށެވެ. އަދި މީހުން ފޭބުމުގެ ކުރިން އެކަމުގެ އިޤްރާރު ފޯމް ރިޒޯޓުން ފުރިހަމަކުރުމަށް ފަހު އެޗްޕީއޭއަށް ހުށައަޅަން ޖެހޭނެކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މިހަކު ފެނިފައިނުވާނަމަ އެ ރިޒޯޓަކުން މީހުން ބޭފުމުގެ ކުރިން ރިޒޯޓުން ފޯމް ހުށައަޅަން ޖެހޭގޮތަށްވެސް އެއުސޫލުގައި ހަމަޖައްސާފައިވެއެވެ. އަދި ރިސޯޓު ނުވަތަ ސަފާރީން 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަ ވެފައި ވުމާއި މިތަންތަނުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރިސޯޓު ނުވަތަ ސަފާރީގައި ނެތުމާއި ފުރިހަމަ ކުރަން ޖެހޭ އެގްޒިޓް ފޯމް ފުރަންޖެހޭނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުރިން ހަމަޖައްސާފައި އޮތް އުސޫލަކީ ރިސޯޓްތަކުގެ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ސާފު ކުރުމަށް ފޯމުތަކެއް ފުރުމަށް ފަހު އެ މީހުން ދޫކޮށްލުން ކަމަށެވެ. އެހެންނަމަވެސް މިހާރު އޮތީ ކަރަންޓީނު މުއްދަތު ފުރިހަމަވެއްޖެ ކަން މެނޭޖްމަންޓް ތަކުން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވައިލާ ގޮތަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެންމެ ފަހުން ޓޫރިސްޓަކު ދިޔަ ފަހުން 14 ދުވަސް ވެފައިވާ ރިސޯޓްތަކުގައި އަލާމާތެއް ހުރި މީހަކު ނެތް ކަމަށް ވަނީ ނަމަ މުވައްޒަފުން ވަކިވަކިން ފޯމު ފުރަން މިހާރު ނުޖެހޭނެ ކަމަށެވެ.

ރިސޯޓުތަކުން މީހުން ފޭބުމާ ގުޅޭ ކަންކަން މިހާރު ވަނީ ތިން ބަޔަކަށް ބަހާފައެވެ.
ފުރަތަމަ ބަޔަކީ އެޗްޕީއޭ އިން ހެދި ގަވައިދުގެ ސަބަބުން ބަންދުވި ތަންތަނެވެ. އެއީ ކޯވިޑް-19 ގެ އަލާމާތެއް ހުރި މީހެއް ފެނިފައި ނުވާ އަދި ކޯވިޑް-19 އާ ގުޅިގެން އެއްވެސް ހާލަތެއްގައި ބަންދު ނުކުރާ ރިސޯޓުތަކެވެ.

ދެވަނަ ބަޔަކީ ބަލީގެ އަލާމާތް ހުރި މީހުން ތިބުމުގެ ސަބަބުން މޮނިޓަރކޮށް، ސާމްޕަލް ނެގި ނަމަވެސް އެ ސާމްޕަލްތައް ނެގެޓިވްވި ވެފައިވާ މީހުން އުޅޭ ރިސޯޓްތަކެވެ. އެ ރިސޯޓްތަކުގައިވެސް އަލަމާތެއް ހުރި ޓޫރިސްޓަކު ނެތި 14 ދުވަސް ވެފައި ވާ ނަމަ މީހުން ފައިބަން ހުއްދަދެއެވެ.
ތިން ވަނަ ބަޔަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެނުނު ރިސޯޓްތަކެވެ. އެ ރިސޯޓްތަކުން ބޭރަށް މީހުންނަށް ދެވޭނީ 14 ދުވަހުގެ މުއްދަތު ހަމަ ވުމުމުން ސްކްރީނިންވެސް ހެދުމަށް ފަހުގެއެވެ.