މެލޭޝިއާގައި ހުރި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަން ކަށަވަރުވެއްޖެއެވެ.
މެލޭޝިއާގެ ހެލްތް މިނިސްޓްރީން މިއަދު (9 އޭޕްރީލް) އާއްމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ އެ ޤައުމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މެލޭޝިއާ ރައްޔިތުން ނޫން އެހެން ޤައުމުތަކުގެ މީހުންގެ ތަފްސީލް އާންމުކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައި މަޢުލޫމާތު އާންމުކޮށްފައިވާ 416 މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. މިކަން މިހާރު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދިވެހި މީހާގެ ހާލު ރަނގަޅުކަމަށްވެސް އެ ޤައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭން މިހާތަނަށް މި ބައްޔަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި 4 ދިވެއްސަކު ހިމެނެއެވެ. އެ 4 ހަތަރު ދިވެހިންވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ އިނގިރޭސިވިލާތަށް ދަތުރުކުރުމަށްފަހު ރާއްޖެއައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައެވެ.
ކޯވިޑް-19ގެ ހާލަތާ ގުޅިގެން މެލޭޝިއާގައި ރާއްޖެ ނާދެވި ތިބި މީހުންގެ ތެރެއިން 197 މީހަކު މޯލްޑިވިއަންގެ ޚާއްސަ ފްލައިޓެއްގައި މިމަހުގެ 8 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. މި އެންމެންވެސް ތިބީ މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައެވެ.
މެލެޝިއާއިން މިހާތަނަށް 4200އަށްވުރެ ގިނަ މީހުންގެ ގައިން ކޯވިޑް-19 ފެނިފައިވާއިރު، މިހާތަނަށް އެޤައުމުން 67 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އަދި ކްރިޓިކަލް ހާލަތުގައިވެސް 72 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ކޯވިޑް-19 އާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މެލޭޝިއާގައިވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.