ކޯވިޑް-19

ކޯވިޑް-19 : ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް ޓެލިކިލާސްތައް އާދިއްތަ ދުވަހު ފަށަނީ


ގްރޭޑް 1 އިން 6 ދަރިވަރުންގެ ފިލާވަޅުތަކަށް ޚާއްސަކޮށްގެން ބްރޯޑްކާސްޓްކުރާ ޓެލިކިލާސްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕީ.އެސް.އެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސްދޭނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ދަރިވަރުންނަށް ގޭގައި ތިބެގެން ތަޢުލީމު ޙާޞިލުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން މިހާރުވެސް ގްރޭޑް 7 އިން ފެށިގެން 11 އާއި ހަމައަށް އެކި މާއްދާތަކުގެ ފިލާވަޅުތައް ޓެލިކިލާސް މެދުވެރިކޮށް ޓީވީން ދައްކަމުންދާކަމަށެވެ. އަދި މިފެށޭ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކީ ސްޓޭޖް 1 އަދި 2 ގައި ހިމެނޭ ގްރޭޑް 1،2،3،4،5، އަދި 6 ގެ ދަރިވަރުންނަށްވެސް ޕީ.އެސް.އެމްގެ ޗެނަލްތައް މެދުވެރިކޮށް ޓެލިކިލާސްތައް ދައްކަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެލް.ކޭ.ޖީއާއި ޔޫ.ކޭ.ޖީ ހިމެނޭހެން ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނަށް ގޭގައި ތިބެގެން ކުރެވޭނެ އެކި ކަންކަން ހިމަނައިގެން ލަރނިންގ ޕްކޭޖްތަކެއްވެސް ތައްޔާރުކޮށްފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޓެލިކިލާސްތައް ފެށިއިރު ފުރަތަމަ އަޅުގަނޑުމެން އިސްކަން ދިނީ ސެކަންޑްރީ ގްރޭޑްތަކަށް ވަކިން ޚާއްސަކޮށް 10 އަދި 11 ގައި އުޅޭ ދަރިވަރުންނަށް. އެކަމު މިހާރު ގްރޭޑް 7 އިން މައްޗަށް ޓެލިކިލާސް ނަގައިދެމުންމިދަނީ. އަދި ކީ-ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް އަންނަ އާދިއްތަ ދުވަހު ޓެލިކިލާސްތައް ފެށިގެންދާނެ. ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނަށް ގޭގައި ބޭނުންކުރެވޭނެ ލާނިންގ ޕެކޭޖްތައްވެސް ވާނީ ތައްޔާރުކޮށްފައި" މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލް ކުދިންނާއި ޓީޗަރުންނަށް ލުޔެއް ދިނުމުގެގޮތުން އުރީދޫ އާއި ދިރާގުން ހުރިހާ ދަރިވަރުންނާއި ޓީޗަރުންނަށް އެއް މަހަށްވާވަރަށް ޑޭޓާ ހަމަޖައްސައިދީފައިވާކަން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ފާހަގަކުރެއްވިއެވެ. އަދި ސްކޫލުން މިނިސްޓްރީގައި އެކަމަށް އެދުމުން، ސްކޫލުން އެދޭ ފޯނުތަކަށް ޑޭޓާ ފޮނުވަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ދަރިވަރުން ގޭގައި ހޭދަކުރާ ވަގުތުތަކުގައިވެސް، ކިޔެވުމަށް ސަމާލުކަންދޭ މިންވަރު ކުޑަނުވާނެހެން ދުވަހުގެ ކަންކަން ރޭވުމަށް ބެލެނިވެރިންވެސް ޚާއްސަ ސަމާލުކަމެއްދިނުން މުހިއްމުކަމަށެވެ. އަދި ދަރިވަރުންގެ އުނގެނުމުގެ ކަންކަން މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.