ކޯވިޑް-19

ކޯވިޑް-19 : މިއީ މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވާންވީ ވަގުތު - މިނިސްޓަރ އަމީން


ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ދެބަސްވުންތައް އެއްކިބާކޮށް، ކޯވިޑް-19 އާއި ދެކޮޅަށް ދުނިޔެ ކުރަމުންދާ ހަނގުރާމައިގައި މުޅި އިސްލާމީ އުއްމަތް އެކަތިކަނޑަކަށްވާންވީ ވަގުތު ޖެހިއްޖެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައެވެ.

އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިއީ މުޅި ދުނިޔެއަށްވެސް ދަތި އުނދަގޫ ޙާލަތެއްކަމަށެވެ. އަދި މިއީ އެއްވެސް ބަޔަކު އުއްމީދުކޮށްގެން ތިބި ހާލަތަކަށް ނުވުމުން މިޙާލަތާ ކުރިމަތިލުމަކީ އެހާމެ އުނދަގޫކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރ އަމީންވަނީ ކޯވިޑް-19ގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރެން ފެށުމާއެކު ދުރާލައި ރާއްޖޭން ފިޔަވަޅުތައް އަޅަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެފަދަ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ، ގިނަ ބަޔަކު ވަދެނުކުމެ ހަދާ ޤައުމަކަށް މިވައިރަހުގެ ނުރައްކާ ބޮޑުވަދާނެކަން ޖެނުއަރީމަހުގެ ކުރީކޮޅު ހެދި ރިސްކް މެނޭޖްމަންޓް ރިޕޯޓުންވެސް ދަައްކާފައިވާތީ، ހާލަތު އެންމެ ގޯސްވެދާނެ ހިނދަކަށްވެސް ރާއްޖޭގެ ފަރާތުން ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ކޯވިޑް-19އާ ދެކޮޅަށް ރައްކާތެރިކަމުގެ ގޮތުން ނިންމަންޖެހުނު ނިންމުންތަކަކީ ފަސޭހަ ނިންމުންތަކެއް ނޫންކަމަށެވެ. މުޅި އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ، އަދި ބޭހާއި ކާޑުގެ ބާވަތްތަކާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ޤައުމުން ބޭރުން އިމްޕޯޓްކުރާ ޤައުމަކަށް ބޯޑަރުތައް ބަންދުކުރަންޖެހުން އެއީ އުނދަގޫ ނިންމުމެއްކަމަށް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ، އަދި ގިނަ އަދަދެއްގެ ބަޔަކު ވަދެނުކުމެ ހަދާ ޤައުމެއްގައި މީގެ ނުރައްކާ އިންތިހާއަށް ބޮޑުވެދާނެކަން ޖެނުއަރީމަހުގެ ކުރީކޮޅު ހެދުނު ރިސްކް މެނޭޖްމަންޓުންވެސް ހާމަވެގެންދިޔަ. މުޅި އިޤްތިޞާދު ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ނިންމަންޖެހުނު ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް. ޒަރޫޒީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ރާއްޖޭން ބޭރުން އެތެރޭ ކުރާ ޤައުމަކަށް ބޯޑަރުތައް ބަންދުކުރުމަކީ ފަސޭހަ ނިންމުމެއްނޫން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޙާލަތަށް އަތުވެދާނެ ކިތަންމެކުޑަ ބަދަލަކަށްވެސް ކަމާބެހޭ ފަރާތްތަކުން ތައްޔާރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށް، މިކަމުގައި ސަރުކާރާއި ކަމާގުޅުން ހުރި ހުރިހާ އިދާރާއެއް އެކުގައި މަސައްކަތް ކުރުމަށް ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީއެއްވެސް އެކުލަވާލާ، ލަފާދިނުމަށް ޚާއްސަ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕެއް އުފައްދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީނުގެ ވާހަކަފުޅުގައިވަނީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޤައުމުތަކަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް އެތައް ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ މި ނާޒުކު ޙާލަތުގައިވެސް އިސްލާމީ އުއްމަތް މިކަމުން އަރައިގަތުމަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

"މިއީ އެއްވެސް ބަޔަކު އުއްމީދުކޮށްގެން ތިބި ހާލަތެއް ނޫން. ކޯވިޑް-19 އާއެކު އިޖްތިމާޢީ އިޤްތިޞާދީ އެތައް ގެއްލުންތަކަކާއި ޤައުމުތަކުން ދަނީ ކުރިމަތިލަމުން. މި ނާޒުކު ހާލަތުގައިވެސް އިސްލާމީ އުއްމަތް މިކަމުން އަރައިގަތުމުގައި އުއްމީދު ކަނޑާލައިގެން ނުވާނެ. ކެތްތެރިކަމާއި ވިސްނުންތެރިކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި ސިފަތަކުގެ މަތިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީގެން މިކަމުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ގިނަ ޢަދަދެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެފައިވާއިރު، އެކި ޤައުމުތަކުން މިކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޤައުމުތަކުގެ ޙާލަތު ހެލްތު މިނިސްޓަރުން ވަނީ ބަޔާންކޮށްދެއްވާފައެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީގެ ފަރާތުން ވަނީ މިދަނޑިވަޅުގައި އެ ޤައުމަކުން ވީ ވަރަކުން ދެވުނު އެހީތަކެއް މެމްބަރު ޤައުމުތަކަށް ދިނުމަށް ގޮވާލާފައެވެ.