ވިޔަފާރި

ކޯވިޑް-19 : ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އޮންލައިން ފޯރަމްތަކެއް ބާއްވަނީ


ކޯވިޑް19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މާކެޓް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އޮންލައިން ޑިޝްކަޝަން ފޯރަމްތަކެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއިން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފޯރަމްތަކުގެ ބޭނުމަކީ ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުންކަމަށެވެ. އެގޮތުން މި އޮންލައިން ޑިސްކަޝަން ފޯރަމްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މި ފޯރަމްތައް ކުރިއަށްދާނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ފަރާތްތައް ކުދި ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. އަދި ކޯވިޑް19ގެ މި ދަނޑިވަޅުގައި ރާއްޖެ ޕްރޮމޯޓްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެ ފަރާތްތަކުގެ ޙިޔާލާއި މަޝްވަރާ ހޯދާނެއެވެ. އޮންލައިންކޮށް މި ކޮންފަރެންސްތައް ކުރިއަށްގެންދަނީ ކޯވިޑް19އާ ގުޅިގެން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައިވެސް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަމުގެ މާކެޓިންގގައި ޙަރަކާތްތެރިވާ ފަރާތްތަކަށް "ޓޫރިޒަމް މާކެޓާރސް އީވްނިންގ"ގެ ނަމުގައި ޚާއްސަ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖްރިބާކާރު ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑްތަކާއި، ޓްރެވެލް އެޖެންސީތަކުގެ އިސް ފަރާތްތައް ހިމެނެއެވެ.

2 ސެޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި އަލިއަޅުވާލާފައިވަނީ ފަތުރުވެރިކަން މާކެޓްކުރުމުގައި އެމްއެމްޕީއާރުސީން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަށެވެ. 2 ވަނަ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމާ ގުޅޭގޮތުން ދާއިރާގެ ތަޖްރިބާކާރުން ވަނީ މަޝްވަރާކޮށްފައެވެ.