ކޯވިޑް-19

ކޯވިޑް-19 : މެލޭޝިއާގައި ދިރިއުޅޭ ޢާއިލާތަކަށްވެސް ކެއަރ ޕެކޭޖް ފޮނުވަން ފުރުޞަތުދެނީ


މެލޭޝިއާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، މެލޭޝިއާއަށް މޯލްޑިވިއަންއިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އެގޮތުން މެލޭޝިއާގައިތިބި ދިވެހިންނަށް "ކެއަރ ޕެކޭޖް" ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިފުރުޞަތު ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 500 ފަރާތަކަށްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީ.އައި.އޭގެ ޑިޕާރޗަރ ހޯލު ކައިރީގައި ބަހައްޓާފައިވާ ޚާއްސަ ކައުންޓަރުތަކުން ކަމަށެވެ. އަދި ތަކެތި ބަލައިގަންނަނީ 7 އޭޕްރީލް 2020 ވާ އަންގާރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކެއަރ ޕެކޭޖްގެ ގޮތުގައި މެލޭޝިއާއަށް ފޮނުވޭނީ އެ ޤައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާތަކެތިކަމަށާއި، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މެލޭޝިއާއަށް ކާގޯގެ ގޮތުގައި ފޮނުވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ތަކެތީގެ ތެރޭގައި، ޑަކްޓަރީ ބޭސް، މަސް ދަޅު ކޭސް، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުރި ރިހާކުރު ފުޅި ހިމެނެއެވެ. އަދި މަސް ޕެކެޓާއި، ފަތް ޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކޮށްފައިވާ ކާބޯތަކެތިވެސް ފޮނުވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކާގޯގެ ގޮތުގައި ކާޑުގެ ބާވަތްތަކާއި، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، ހެދިކާއާއި ތައްޔާރީ ކާނާ، އަދި މޭވާއާއި ތަރުކާރީގެ އިތުރުން ފައިސާ ނުފޮނުވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކެއަރ ޕެކޭޖުގެ ގޮތުގައި ފޮނުވަން ބޭނުންވާ ތަކެތި ގެންނަންވާނީ ފޮށިގަނޑު ބަންދުކުރުމަށް ބޭނުންވާ ސާމާނާއެކު ފޮނުވުމުގެ ހުއްދަ ލިބިފައިވާ ފޯމާއެކު ކަމަށާއި، ފޮށިގަނޑު ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީ ބެއްލުމަށްފަހުކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ފޮނުވާތަކެތި މެލޭޝިއާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްފަހު، އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެތަކެއްޗާއި ހަވާލުވާނެއެވެ. އަދި އެތަކެތި ލިބެންވާ ފަރާތްތަކާއި ޙަވާލުކުރާނީވެސް ހައިކޮމިޝަންގެ ފަރާތުންކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.