ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 3 މީހަކު ހައްޔަރުކޮށްފި


  • މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 3 ދިވެހިން

  • 2 މީހެއްގެ ބަންދަށް 15 ދުވަސް އަދި އެކަކުގެ ބަންދަށް 5 ދުވަސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) ގެ އިތުރުން ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.

މި 3 މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން އިއްޔަ ހިންގި އޮޕަރޭޝަނުގައެވެ. މި އޮޕަރޭޝަންގައި އެ މީހުން ދިރިއުޅެމުންދިޔަ މާފަންނު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޝާވިން އަދި މަރްޔަމް ޢިޝާ އަޝްރަފްގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި މުޙައްމަދު ނާހިލްގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

މި މައްސަލަ ފުލުހުންގެ ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.