ކޯވިޑް-19

ކޯވިޑް-19 : މިދަނޑިވަޅުގައި އަމިއްލައަށް ކަންކަން ނިންމުމުގެ ބަދަލުގައި އެޗް.ޕީ.އޭގެ ލަފާ ހޯއްދަވާ - މަބްރޫކް


މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ލަފައާއި މަޝްވަރާ ހޯދުމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ގޮވާލައްވައިފިއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުން މަބްރޫކް ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް މި ބަލީގެ ނުރައްކާ ރާއްޖެއަށް ކުޑަކުރުމަށް ރަށު ކައުންސިލްތަކާއި، އެކި އެކި އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުން އެއީ އެ ސެންޓަރުން އަބަދުވެސް މަރުޚަބާ ކިޔާނެކަމެއްކަމަށެވެ. ނަމަވެސް މިދަނޑިވަޅުގައި އެކި ކަހަލަ ފިޔަވަޅުތައް އަޅައި އަމިއްލައަށް ކަންކަން ނިންމުމުގެ ބަދަލުގައި އެޗް.ޕީ.އޭގެ ލަފައާއި މަޝްވަރާ ހޯދުން ވަރަށް މުހިއްމުކަމަށާއި، ނޫންނަމަ އެ އަޅާ ފިޔަވަޅެއްގެ ސަބަބުން ނޭދެވޭ ކަންތައްތަކެއްވެސް ފެންމަތިވުމުގެ ފުރުޞަތު އޮވެދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެކިއެކި ކައުންސިލްތަކުގައި މިކަމުގައި އެކިގޮތްގޮތަށް އަމަލުކުރަމުންދާތީ، އަޅުގަނޑުމެންގެ ސްޓޭންޑަކީ މިދަނޑިވަޅުގައި މުހިއްމޭ އެޗް.ޕީ.އޭގެ މަޝްވަރާއާއި އިރުޝާދު ހޯދުން. އެހެންނޫންނަމަ ރަނގަޅުކަމެއް ކުރުމުގެ ނިޔަތުގައި ކުރެވިދާނެ ކުރަން ނުވާކަހަލަ ކަމެއްވެސް. އެގޮތަށް ދިމާވެދާނެތީވެ މަޝްވަރާކޮށްގެން ކުރިއަށްގެންދިއުން އެއީ މުހިއްމުކަމެއް" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މި ސަރުކާރުން ވަކި ވަކި ރަށްތަކަކާމެދު އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުގެންގުޅޭނެކަމަށެވެ. އަދި މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ނިންމަންޖެހޭ ކަންކަން ނިންމުގައިވެސް މައިގަނޑު ވިސްނުމަކީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލައި ވަކި ވަކި ތަންތަނަށާއި ރަށަކަށް ނުވަތަ ސަރަޙައްދަކާމެދު އަޅަންޖެހޭ ފިޔަވަޅުތަކާއި އަންގަންޖެހޭ އެންގުންތައް އެޗް.ޕީ.އޭއިން އަންގަމުންދާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.