ކޯވިޑް-19

ޑރ.ޙާމިދު ރަޝީދުގެ އިލްތިމާސް : ފަރުވާކުޑަ ނުކުރޭ! ކޮލެރާގެ ޙާލަތަށް ހިނގައިދާނެ


ޑރ.ޙާމިދު ރަޝީދަކީ 30 އަށްވުރެ ގިނަ އަހަރުވަންދެން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.

ވަކިން ޚާއްސަކޮށް ޕަބްލިކް ހެލްތުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ސަރުކާރުގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗާއި އެތައް އަތޮޅު ހޮސްޕިޓަލްތަކެއްގައިވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޢާއިލާ ބޭފުޅެއްގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު، އެނބުރި ރާއްޖެއައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރެއްވުމަށްފަހު ޑރ.ޙާމިދު ރަޝީދު މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެންނެވެ.

އޭނާވަނީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ޤައުމަށް ވަޑައިގެން ކަރަންޓީނުގެ މުއްދަތުގެ ތެރޭގައި ކުރެވުނު ތަޖުރިބާ ޕީ.އެސް.އެމް ނިއުސްއާ ޙިއްސާކުރައްވާފައެވެ. ޑރ.ޙާމިދު ވިދާޅުވިގޮތުގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވި މައިގަނޑު ސަބަބަކީވެސް ކޯވިޑް-19ގެ ނުރައްކާ އެޤައުމުގައި ބޮޑުވަމުން ދިއުމާގުޅިގެންނެވެ.

އެނބުރި ޤައުމަށް ވަޑައިގަތުމުން އަމިއްލަ ގެއަށް ވަޑައިގަތުމުގެބަދަލުގައި އާއިލާއާއި ދުރަށް ކަރަންޓީނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތަސް އެއްވެސް ވަރެއްގެ ނުތަނަވަސްކަމެއް ކުރިމަތިވެވަދައިނުގަންނަވާކަމަށް ވެސް ޑރ.ޙާމިދު ވިދާޅުވިއެވެ.

ޑރ. ޙާމިދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ ކަރަންޓީނުގައި ހުންނެވީ ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ. އެތަނުގައި އެއްދުވަސް ހޭދަކުރުމަށްފަހު، ދެން ބަދަލުކޮށްފައިވަނީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓަށެވެ. ޑރ.ޙާމިދު ވިދާޅުވީ ކަރަންޓީނުގައި ހޭދަކުރި ވަގުތުތަކުގައި މާބޮޑެތި މައްސަލަތަކެއް ކުރިމަތިނުވާކަމަށާ، ކެއިންބުއިމާއި އެހެނިހެން އިންތިޒާމްތައްވެސް ވަރަށް ފުރިހަމަކަމަށެވެ.

"އަސްލު ވަރަށް ރަނގަޅަށް އެބޭފުޅުން އިންތިޒާމްތައް ހަމަޖައްސާފައިވަނީ. ދެން ކުދިކުދި ކަންކަން ހުންނާނެ ދެއްތޯ މިހެން ކުއްލިއަކަށް އައުކަމެއް ތަޖުރިބާކުރަންވީމަ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި އޯވަރރޯލްކޮށް ވަރަށް ރަނގަޅު. ކެއުމުގެ ކަންކަންވެސް ފުރަތަމަ ދުވަހު ކުޑަތަންކޮޅެއް ދަތިވި، ނަމަވެސް ފަހުން ހަމަ ރަނގަޅު އެކަންވެސް. ދެން އަނެއްކާ ޤަވާއިދުން ޑޮކްޓަރުންވެސް ވަޑައިގެން ބައްލަވާ ހައްދަވާ" ޑރ. ޙާމިދު ރަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ ހަލުވިކަމާއި، މިބަލީގެ ހުރި ނުރައްކާ ޑރ.ޙާމިދު ސިފަކޮށްދެއްވަނީ 1978ގައި މުޅި ރާއްޖޭގައި ކޮލެރާގެ ބަލިމަޑުކަން ފެތުރުނު ގޮތުގެ ތަޖުރިބާއިންނެވެ.

ޑރ.ޙާމިދު ރަޝީދަކީ އެދުވަސްވަރު ކޮލެރާ ފެތުރުން ކޮންޓްރޯލްކުރުމަށާއި، ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި އެއް ޑޮކްޓަރެވެ. ރާއްޖޭގެ 119 ރަށަކުން 11 ހާހަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހުނެވެ. އޭގެ ތެރެއިން 252 މީހަކު ނިޔާވިއެވެ. ޑރ.ޙާމިދު ރަޝީދު ވިދާޅުވިގޮތުގައި އެދުވަސްވަރު މުޅި ރާއްޖެއަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކޮލެރާ ފެތުރުނު މައިގަނޑު ސަބަބަކީ ޞިއްޙީ މާހިރުން ދެއްވަމުންގެންދެވި އިރުޝާދުތަކަށް ދޭންވާ މިންވަރަށް ޢާއްމުރައްޔިތުން ސަމާލުކަން ނުދިނުމެވެ. .

"އަޅުގަނޑު ދެކޭގޮތުގައި ތިމާ ނުހޯދި ރައްކާތެރިކަމެއް އެހެން މީހަކަށް ނުދެވޭނެ. ރައްކާތެރިވުމަށް ބުނެވޭނީ، ބުނީމަ ޤަބޫލު ނުކުރީމަ ނުކުންނަ ނަތީޖާ އަޅުގަނޑުވެސް ތަޖުރިބާކުރިން. ކޮލެރާ ދުވަސްވަރުވެސް ބުނެގެންވެސް މީހުން އެކަން ޤަބޫލުނުކޮށްގެން އެންމެފަހުން އެ ފެތުރެމުން ފެތުރެމުންގޮސް ބައެއް ރަށްރަށުގައި 70 ނުވަތަ 80 މީހުން މަރުވެގެންދިޔަ. އެކަމަކުވެސް ފަހުން ބަސް ޤަބޫލުކުރަން ފެށީމަ އިރާދަކުރެއްވީތީ އެ ބަލި މަޑުމަޑުން ރާއްޖެއިން އެކޮށް ފިލުވާލެވުނީ. އެހެންވީމަ އެގޮތަށް ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތައް ޤަބޫލުކޮށް އެއަށް ޢަމަލުކުރަންޖެހޭ" ޑރ.ޙާމިދު ރަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ އެންމެބޮޑީ ޢުމުރުން ދުވަސްވީ މީހުންނަށްވެފައި އެ ފަރާތްތަކުންވެސް މި ދަނޑިވަޅުގައި އަމިއްލަ ޞިއްޙަތަށް ރައްކާތެރިވެ ސަމާލުވުން މުހިއްމުކަމަށް ޑރ.ޙާމިދު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ގޭގައި ތިބޭ ވަގުތުތަކުގައިވެސް ސިއްޙަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށާއި ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުން އިސްކުރުމަށް ޑރ.ޙާމިދު ނަސޭޙަތްތެރިވެވަޑައިގަތެވެ. އެހެންނޫންނަމަ ކޮލެރާ ފެތުރުނު ދުވަސްވަރު ރާއްޖެއޮތް ބިރުވެރި ހާލަތަށް ކޯވިޑް-19ގެ ސަބަބުން ރާއްޖެ ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް ޑރ.ޙާމިދު ރަޝީދު ވިދާޅުވިއެވެ.