ކޯވިޑް-19

ކޯވިޑް-19 : ޑަބް.ލިއު.އެޗް.އޯއިން އޭޝިޔާގެ ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި މަޝްވަރާކޮށްފި


ދެކުރު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ޞިއްޙަތާއިބެހޭ ވަޒީރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ރީޖަނަލް ޑައިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައިފިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މިދަނޑިވަޅުގައި، ދެކުރު އިރުމަތީ އޭޝިޔާ ސަރަހައްދުގައި މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުތަކުން ކުރަމުން އަންނަ މަސައްކަތް ހިއްސާ ކުރުމަށްޓަކައި، ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ 11 ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި، ރީޖަނަލް ޑައިރެކްޓަރ ޕޫނަމް ކެތްރަޕާލް ސިންގް ބައްދަލު ކުރައްވާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މިބައްދަލުވުމުގެ ވާހަކަފުޅު ދައްވަކަމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި ސަރަހައްދުގެ 10 ޤައުމުގެ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރަން ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމަށް ވިދާޅުވެ، ރީޖަނަލް ޑައިރެކްޓަރ ޕޫނަމް ކެތްރަޕާލް ސިންގް ވަނީ މިކަން އިންތިޒާމްކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ އެކަމަނާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ޙާލަތެއްގައި މިސަރަހައްދުގެ ޤައުމުގެ ފަރާތުން ދިވެހިރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ހުރިހާ ޤައުމަކަށް ޝުކުރުއަދާކުރެއްވިއެވެ. މި ބައްދަލުވުމުގައި މިހާރު ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވަމުން، ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް މިނިސްޓަރ ހިއްސާކޮށްދެއްވިއެވެ.

މިބައްދަލުވުމުގައި ޑަބްލިޔު.އެޗް.އޯގެ ހެޑްކުއާރޓަސްގައި ކޯވިޑް-19ގެ މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެން، އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މިހާރު ކޯވިޑް-19 އަށް ހުރިހާ ޤައުމުތަކަކުންވެސް އިތުރަށް ތައްޔާރުވެ، އެކަންކަމާއި ގުޅޭގޮތުން އިތުރު އެހީތެރިކަމެއް ބޭނުންވާނަމަ، އެކަމާގުޅޭގޮތުން މަޝްވަރާކޮށް، ޑަބްލިޔު.އެޗް.އޯގެ ލަފާ ގަޢުމުތަކަށް އެރުވުމެވެ. މިބައްދަލުވުން ނިންމަވާ ލައްވަމުން ޑަބްލިޔު.އެޗް.އޯގެ ފަރާތުން ކޯވިޑް-19ގެ ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށާއި އެކަމުން ރައްކާތެރިވުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ.

މިގޮތުން ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓު ކިޓްތަކާއި، ރީއެޖެންޓްސް އަދި ފަރުވާދެއްވުމަށް ބޭނުންވާނެ އާލާތްތައް އަވަސް މުސްތަޤްބަލެއްގައި ޤައުމުތަކަށް ފޮނުއްވާދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. މީގެކުރިން، ޑަބްލިޔު.އެޗް.އޯގެ ހެޑްކުއާރޓަސްގައި 27 މާރޗް 2020ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެން، ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް މިބަލިމަޑުކަމުން ކުރިމަތިވާގޮންޖެހުންތަކާ ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.