ޚަބަރު

ކޯވިޑް 19 - ހާލަތަށް ތައްޔާރުވުމަށް، ގޮވާންކުރާ ފުރަތަމަ ރަށަކަށް ތޮއްޑޫ


ކޯވިޑް 19ގެ ޙާލަތުގައި ދިވެހިންނަށް ކާބޯތަކެއްޗަށް ދަތިނުވާނެކަން ކަށަވަރުކުރުމަށް ތޮއްޑޫ ދަނޑުތަކުގައި ޒުވާރިއާއި ދޮނަޅަ ހައްދަން ފަށައިފިއެވެ. ތޮއްޑޫއަކީ މީހުން ދިރިއުޅޭ ރަށެއްގައި އެއްމެ ފުޅާދާއިރާއެއްގައި ދަނޑުހައްދާ، އަދި އެއިން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ރަށެކެވެ.

ތޮއްޑޫ ކައުންސިލުންވަނީ އެރަށުން ރަމަޟާންމަހަށް ތަކެތި ހެއްދުމަށް ދޫކުރި ދަނޑުތަކުގައި ޒުވާރިއާއި ދޮނަޅަ ހެއްދުމަށް ބާރުއަޅައި، ބިން ހަމަޖެއްސުމުގެ އިތުރަށް ގޮވާން މުޑުވަށްކުރުމަށް އެހީތެރިވުމަށް ނިންމާފައެވެ.

ތޮއްޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެރަށު ރައްޔިތުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ހައްދަމުންގެންދާ ދަނޑުތަކުގައި ޒުވާރިއާއި ދޮނަޅަފަދަ ގޮވާމުގެ ބާވަތްތައް ހެއްދުމަކީ މިވަގުތަށް އެންމެ މުހިންމު ކަންކަމަށެވެ. އަދި މި ދަނޑިވަޅަކީ ދުނިޔޭގެ އިޤްތިޞާދަށް ބޮޑު އަސަރެއް ކުރާނެ ދަނޑިވަޅެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދާތީ ރާއްޖެއިންވެސް މިފަދަ ޙާލަތަކަށް ތައްޔާރުވާން ފަށަންޖެހޭކަން ތޮއްޑޫ ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ތޮއްޑޫ ކައުންސިލް މެންބަރުންގެ ޖަލްސާއަކުންވަނީ ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ އެހީގައި ޒުވާރި މުޑުވަށް ހަވާލުކުރުމަށް ނިންމާފައެވެ.

އަދި މިކަމާއި ގުޅޭ މަސައްކަތްތައް މިހާރު ފަށާފައިވާއިރު އަންގާރަ ދުވަހުގެ ނިޔަލަށް މުޑުވަށް އިންދާ ނިންމަންޖެހޭނެ ކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ.
ތޮއްޑޫ ކައުންސިލުން ބުނެފައިވަނީ މި ހުއްދައިގެދަށުން ދަނޑުބިންތަކުގައި ޒުވާރިއާއި ދޮނަޅަ ނޫން ބާވަތްތައް ހެއްދުމަކީ މަނާކަމެއްކަމަށެވެ.

ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ޒުވާރިއާއި ދޮނަޅައަކީ މީގެ ކުރިން ކާބަފައިންގެ ޒަމާނުގައިވެސް ރާއްޖޭގައި ކޮށްއުޅުނު ދަނޑުވެރިކަމުގެ ބާވަތެކެވެ.

ރާއްޖެއަކީ ހޫނު ޤައުމަކަށް ވުމާއިއެކު ކޮންމެ ދުވަސްވަރެއްގައިވެސް މިފަދަ ބާވަތްތައް ހެއްދެއެވެ. ގޮވާންކުރާ ހިސާބުންފެށިގެން، ގޮވާން ކެނޑުމާއި ދެމެދު ހޭދަވާނީ ގާތްގަނޑަކަށް 2 މަހާއި 3 މަހުގެ މުއްދަތެެކެވެ. އަދި މި ބާވަތްތަކަކީ މާބޮޑު މަސައްކަތަކާއި ނުލާ ފަސޭހައިން ހެއްދޭނެ ބާވަތްތަކެވެ.

ޒުވާރިއާއި ދޮނަޅަ މުޑުވަށްކުރުމަށް ފުން ވަޅެއް ކޮންނާކަށް ނުޖެހެއެވެ. އަދި މިއީ ކުޑަ ތަންކޮޅެއްގައި ކައިރި ކައިރީގައި އިންދައިގެން ހެއްދޭ ބާވަތްތެކެވެ. ތޮއްޑޫ ކައުންސިލުން ބުނެފައިވަނީ ޒުވާރިއާއި ދޮނަޅަ ހައްދަން ދޭ ބިންތަކުގެ މުއްދަތު ހަމަވާނީ ޖޫން 4 ވަނަ ދުވަަހަށް ކަމަށެވެ.

ތޮއްޑޫ އަކީ ކަރާ ހެއްދުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކަރާ ހެއްދުމަށް އެރަށުން ދަނީ ބިން ދޫކުރަމުންނެވެ. ރަމަޟާންމަހަށް ކަރާ ހެއްދުމަށް އެރަށުން މިއަހަރު 118 ބިން ދޫކޮށްފައިވެއެވެ.

ކޯވިޑް 19ގެ ހާލަތާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންވަނީ ރާއްޖޭގެ ދަނޑުތަކުގައި ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ހެއްދުން އިތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މަސައްކަތާއިއެކު އެގްރިކަލްޗަރ މިނިސްޓްރީއާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިންވަނީ ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް އެގްރި ސެންޓަރެއް ހުޅުވުމަށް ނިންމާފައެވެ. އަދި ވަކިވަކި ރަށްރަށުގައި ހަދާ ސެންޓަރުތަކުގެ ތެރެއިން ތޮއްޑޫ ދަނޑުވެރިންނަށް ފަސޭހައިން ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެރަށުގައި ސެންޓަރެއް ހެދުމަށްވެސްވަނީ ހަމަޖެހިފައެވެ.