ކޯވިޑް-19

ކޯވިޑް-19 : ބަލި ޖެހުނު މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފި


ދުނިޔޭގެ އެކި ޤައުމުތަކުން ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފިއެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު އެއް މިލިއަން އެއް ސަތޭކަ ފަސްދޮޅަހަށްވުރެ މައްޗަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ފަންސާސް އެއްހާސް ތިން ސަތޭކައަށްވުރެ އިތުރެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ޗައިނާގެ ހޫބެއިން ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީގައި ފެތުރެން ފެށި މި ބަލި، ކޮންޓްރޯލް ނުވެ، މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މިއީ ޕެންޑަމިކްއެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިޢުލާންކޮށްފައިވަނީ 11 މާރިޗު 2020 ގައެވެ. މިހާތަނަށް ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުން މި ބަލި ފެނިފައިވާއިރު، މިހާރު އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުންދަނީ އެމެރިކާގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުގައެވެ.

މިހާތަނަށް ކޯވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާގައެވެ. އެޤައުމުން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ދެ ލައްކަ 35 ހާހަށްވުރެ މައްޗަށް އަރާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 20 ހާހަށްވުރެ ގިނަ މީހުންގެ ގައިން މި ބަލި ފެނިފައިވެއެވެ. އެމެރިކާގައި ކޯވިޑް-19 ޖެހިގެން ފަސް ހާސް ހަ ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާގައި މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ނިއުޔޯކް ސިޓީގައެވެ. އެގޮތުން އެ ސިޓީއިން އެކަނިވެސް މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ނުވަދިހަ ދެ ހާހަށްވުރެ މައްޗަށް އަރާފައެވެ. އެމެރިކާގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން ދިހަ ހާސް ތިން ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މި ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ދުނިޔެ ދޫކޮށްފައިވަނީ އިޓަލީވިލާތުގައެވެ. އެގޮތުން އެޤައުމުން މިހާތަނަށް ކޯވިޑް-19 ޖެހިގެން ތޭރަ ހާސް ނުވަ ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 760 އަށްވުރެ ގިނަ މީހުން މި ބަލީގައި އިޓަލީއިން މަރުވެފައިވެއެވެ. އިޓަލީގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އެއްލައްކަ ފަނަރަ ހާސް ދުއިސައްތައަށްވުރެ މައްޗަށް އަރައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު އަށާރަ ހާހަށްވުރެ މައްޗަށް އަރައެވެ.

އިޓަލީވިލާތަށްފަހު ދެން އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ ސްޕެއިންގައެވެ. އެ ޤައުމުން މިހާތަނަށް އެއްލައްކަ ދިހަ ހާހަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ދިހަ ހާހަށްވުރެ ގިނަ މީހުން އެ ޤައުމުގައިވެސް ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު ސައްބީސް ހާސް ހަތް ސަތޭކައަށްވުރެ ގިނައެވެ. ސްޕެއިން އަކީ މި ބަލީގައި މިވަގުތު އެންމެ ގިނަ ބަޔަކު ކްރިޓިކަލް ހާލަތުގައި ފަރުވާ ހޯދަމުންދާ ޤައުމެވެ. އެގޮތުން ކްރިޓިކަލް ކޭސްތަކުގެ ގޮތުގައި ހަ ހާހަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ދެން އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ޖަރުމަނުވިލާތުންނެވެ. އެގޮތުން އެ ޤައުމުން މިހާތަނަށް އަށްޑިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ގައިން މި ބަލި ފެނިފައިވާއިރު، މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް އަރައެވެ.

ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރިގެންދިޔަ ޗައިނާއިން ވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މި ބަލި އެ ޤައުމުގައި ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ކޮންޓްރޯލްކޮށްފައެވެ. އެގޮތުން އެ ޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އަށްޑިހަ އެއްހާހަށްވުރެ ގިނައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ތިންހާސް ތިން ސަތޭކައަށްވުރެ މައްޗަށް އަރާއިރު، މިހާތަނަށް ދުނިޔޭގައި މި ބަލިން އެންމެ ގިނަ ބަޔަކު ރަނގަޅުވެފައިވަނީވެސް ޗައިނާގައެވެ. އެގޮތުން އެ ޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތްދިހަ ހަތް ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.