ކޯވިޑް-19

ކޯވިޑް-19 : މި އުނދަގޫ ހާލަތުގައިވެސް، އޯޓިޒަމް ހުންނަ ކުދިންނާއި މީހުންގެ ހައްޤުތައް ކަށަވަރުކޮށްދޭނަން - ރައީސް


ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ކުރިމަތިލަމުންމިދާ ދަތި އުނދަގޫ ހާލަތުގައިވެސް އޯޓިޒަމް ހުންނަ ކުދިންނާއި މީހުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިއަހަރުގެ މިދުވަސް ދިމާމިވީ، ކޯވިޑް-19 ގެ ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިފައިވާ ވަރަށްވެސް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އެހެންނަމަވެސް ހުރި ގޮންޖެހުންތަކާއެކުވެސް އޯޓިޒަމް ހުންނަ ކުދިންނާއި މީހުންގެ ހައްޤުތައް ކަށަވަރުކޮށްދީ އެމީހުންނަށް ބޭނުންވާ އެކިކަހަލަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކާއި ޖަމްޢިއްޔާ ޖަމަޢާތްތަކާގުޅިގެން މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންދީ، އެމީހުންނާއި އެކުގައިވުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ތަފާތުކުރުމެއްނެތި އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އދ. އިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ގޮތުގައެވެ.

މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ އޯޓިޒަމާއި ބެހޭ ގޮތުން ޢާންމުން ހޭލުންތެރިކުރުވާ، އޯޓިޒަމް ހުންނަ ކުދިންނާއި މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމެވެ. މިއަހަރުގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ޝިޢާރަކީ ހެދިބޮޑުވުމުގައި އަންނަ ބަދަލުތައް ދެނެގަތުމެވެ. ދުނިޔޭގެ ނިސްބަތުން ކޮންމެ 10،000 މީހުންގެ ތެރެއިން 10 ނުވަތަ 15 މީހުންނަކީ އޯޓިޒަމް ޖެހިފައިވާ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ.