ޚަބަރު

ކޯވިޑް-19 : ވިޔަފާރިވެރިންނަށް ބަދުބަސްބުނުމަކީ ކޮށްގެންވާނެކަމެއްނޫން - މަޖިލީހުގެ ރައީސް


ރާއްޖެއަށް ދިމާވެފައިވާ ޞިއްޚީ ކުއްލި ނުރައްލުގެ މިހާލަތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެބޮޑަށް މަސައްކަތްކުރައްވާ ވިޔަފާރިވެރިންނަށް ބަދުބަސްވުނެ، ފާޑުކިޔުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ބައެއް ބޭފުޅުންގެ ނުރުހުމާއި ފާޑުކިޔުން ވިޔަފާރިވެރިން އަމާޒުވަމުންދާކަމަށެވެ. ރާއްޖޭގެ ވިޔަފާރި ވެރިންނަކީ ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައާއި، ކުރިއެރުމަށް އެންމެބޮޑު މަސައްކަތެއް ކުރައްވަމުންދާ ބޭފުޅުންކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ މިފަދަ ޚައްސާސް ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދު އަލުން ނެގެހެއްޓުމުގައި އެންމެބޮޑު ދައުރެއް އަދާކުރައްވާނެ ބަޔަކީ ވިޔަފާރިވެރިންކަމަށެވެ. އަދި މިހާލަތަކީ އެއްވެސް ބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް ދިމާކުރަންވީ ވަގުތުނޫންކަމަށާއި މިހާލަތުން އަރައިގަނެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަކީ ރާއްޖެ ކުރިއެރުވުމުގައި ވަރަށް މުހިންމުބައެއް. ވަރަށްގިނަ ޚިދުމަތް ކޮށްދޭބައެއް. ރާއްޖޭގެ މުއްސަނދިކަމާއި ތަނަވަސްކަން ބިނާވެގެންދަނީވެސް އެބޭފުޅުންގެ މިންނެތް މަަސައްކަތުން. މިވަގުތުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ދިމާލަށް ބަދުބަސްބުނެ، ހެދުމަކީ ބުއްދިވެރިކަމަކަށް ނުވާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިހާލަތުގައި އެއްވެސް ވަޒީފާއަކުން ވަކިކޮށް، ބިކަކުރުމަކީ ގަބޫލުކުރެވޭކަމެއްނޫންކަމަށެވެ. އަދި މިހާލަތުގައި ވަޒީފާއިން ވަކިކޮށް މުސާރަނުލިބޭ ފަރާތްތަކަށް ސަރުކާރުން ޚާއްސަ އިނާޔަތެއް ދިނުމަށް ނިންމާފައިވީނަމަވެސް އޮތް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ.