ޚަބަރު

ކޯވިޑް-19 : މަޖިލީހުގެ ރައީސް ކޯވިޑަށް ނެގެޓިވް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯވިޑް-19އަށް ނެގެޓިވްވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޓެސްޓްގެ ނަތީޖާ ލިބިފައިވާކަމަށާ އެނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.

ރައީސް ނަޝީދު ވަނީ ބަލިން ރައްކާތެރިވުމަށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް ބަލިން ރައްކާތެރިވުމަކީ މިވަގުތު މުޅި ރާއްޖެއާއި ދުނިޔެއިންވެސް ކުރަމުންދާ މަސައްކަތްކަމަށެވެ. އެހެންކަމުން މިކަމުގައި ހުރިހާ ރައްޔިތުން ގުޅިގެން އެކީގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވެގެން ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކޯވިޑަށް ޓެސްޓް ކޮށްފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. އެމަނިކުފާނުގެ ސާމްޕަލް ނަގާފައި ވަނީ މާރޗް މަހުގެ 14އިން 19އަށް އިނގިރޭސިވިލާތުން ރާއްޖެއައި ހުރިހާ ދިވެހިންގެ ޓެސްޓްހެދުމަށް ނިންމައި އެމީހުންގެ ސާމްޕަލް ނަގުމަށް އެޗްޕީއޭއިން ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ. އެމަނިކުފާނު ދާދިފަހުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެންފައިވަނީ މި މުއްދަތުގެ ތެރޭގައެވެ.

މިމުއްދަތުގެ ތެރޭގައި އިގިރޭސިވިލާތުން ރާއްޖެއަށް އައި، 45 މީހެއްގެ ސާމްޕަލް ނަގާފައިވާކަން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.