ޚަބަރު

ކޯވިޑް-19 : ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި


ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ކަރެކްޝަނުން ވިދާޅުވީ ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ދިނުމުގެ މަޤްސަދަކީ، ދިމާވާ ކުއްލި ޙާލަތްތަކުގައި، ޢާއިލީ ބައްދަލުވުން މެދުކަނޑާލަން ޖެހޭ ޙާލަތްތަކުގައާއި، ޢާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ ޢާއިލާތަކަށާއި އަދި އެނޫންވެސް ޒަރޫރީ ޙާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޢާއިލާ މެމްބަރުންނާ ބައްދަލުކޮށް ޢާއިލާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުންކަމަށެވެ.

މީގެ އިތުރުން، އެއްވެސް ޙާލަތަކާ ގުޅިގެން ވަކީލު ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ކޮންމެ ޤައިދީއަކަށާއި ބަންދުމީހަކަށް ޢާއިލީ ބައްދަލުވުމުގެ ގޮތުގައި"ސްކައިޕް" މެދުވެރިކޮށް މަހަކު 2 ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ހަމަޖައްސާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ވީޑިއޯ ކޯލުގެ ފުރުޞަތު ލިބިގެންދާނެ އިތުރު ޙާލަތްތަކެއް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެ ގޮތުން ޢާއިލާ މެމްބަރަކު ބަލި ޙާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި ޢާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި ދަރިފުޅު ހިތާނު ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލީ ބައްދަލުވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެކަމަށް އެދި ފޯމް ހުށަހެޅުމުން އެ ބައްދަލުވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.