ޚަބަރު

ކޯވިޑް-19 : އިގިރޭސިވިލާތުން އައި 45 މީހެއްގެ ސާމްޕަލް ވަނީ ނަގާފައި


މަރޗް މަހުގެ 14ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް އިގިރޭސިވިލާތުން ރާއްޖެއައި މީހުންގެ ތެރެއިން 45 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ މަރޗް މަހުގެ 14ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް އިގިރޭސިވިލާތުން ރާއްޖެއައި މީހުންގެ ތެރެއިން 45 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާކަމަށެވެ. އެޗްޕީއޭއިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އެމުއްދަތުގައި އިގިރޭސިވިލާތުން ރާއްޖެއައި އެންމެންގެ ސާމްޕަލް ނަގުމަށްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް މިހާލަތުގައި ބައެއް ފަރާތްތަކުން ދޮގުމައުލޫމާތު ފަތުރަމުންދާކަމަށާ، މިއީ ވަރަށް ދެރަކަމެއްކަމަށް މަބުރޫކް ވިދާޅުވިއެވެ. މިއަދު ސޯޝަލް މީޑިޔާގައި މިކަމައި ގުޅޭގޮތުން ފަތުރާފައިވާ ވާހަތަކަކީ ދޮގުވާހަކަތަކެއްކަމަށާ، މިދަނޑިވަޅުގައި އެއްވެސް މީހަކު ހަގީގަތް އޮޅުވާލައި ދޮގު މައުލޫމާތު ނުފެތުރުމަށް މަބުރޫކްވަނީ އަނެއްކާވެސް އިލްތިމާސްކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިޙާލަތުގައި ރާއްޖެއިން ބޭރުން އަންނަ އެއްވެސް މީހަކާމެދު ތަފާތުގޮތަކަށް ޢަމަލުކޮށްފައިނުވާނެކަމަށާ ސަރުކާރުން ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ދައުލަތުގެ ވަޒީރުންގެ ދަރިންނާއި، އެނޫންވެސް އިސްމަޤާމުތަކުގައި ތިއްބެވި ޢާއިލާތަކުގެ މެމްބަރުންވެސް އެބަތިބިކަމަށް މަބްރޫކް ވިދާޅުވިއެވެ. މިބޭފުޅުންނަށްވެސް އައިލާއާއި ހަމަޔަށް އާދެވޭނީ 14 ދުވަހަށްފަހު ކޯވިޑަށް ޓެސްޓް ކުރުމަށް ފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން މިހާތަނަށް ރާއްޖެއިން 1204 ސާމްޕަލެއް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން 1180 ސާމްޕަލެއް ކޯވިޑް-19އަށް ނެގެޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 19 ސާމްޕަލެކެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން 13 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ 4 ދިވެހިންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވެލިދޫގައި އައިސޮލެޝަންގައި 15 މީހަކު އެބަތިއްބެވެ. ދަރުމަވަންތަ އައިސޮލޭޝަންގައި ތިބީ 3 މީހެކެވެ. ކަރަންޓީނު ފެސިލިޓީސްތަކުގައި 867 މީހަކު ތިބިކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއެކު ރާއްޖެއަށް ބޭރުގެ މީހުން އައުން ވަނީ ހުއްޓުވާފައެވެ. މިއަދު ރާއްޖެއަށް ބޭރުން އެއްވެސް މީހަކު އައިސްފައިނުވާއިރު، ރާއްޖެއިން 170 މީހަކު ބޭރަށް ފުރައިގެން ގޮސްފައިވެއެވެ.