ޚަބަރު

ކޯވިޑް-19 : ލޯނުފައިސާ ދެއްކުން ފަސްކުރުމަށް ދަރިވަރުން ހުށަހަޅާކަށް ނުޖެހޭނެ


ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ 6 މަސްދުވަހަށް ފަސްކޮށްދިނުމަށްއެދި ދަރިވަރުން ހުށަހަޅަން ނުޖެހޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ. ބީއެމްއެލްއިން ބުނީ ދަރިވަރުން އެކަމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށާ، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އެ ބޭންކުން ކޮށްދޭނެ ކަމަށެވެ.

ކޯވިޑް 19 ގެ މިހާލަތާ ގުޅިގެން ސަރުކާރުންވަނީ ސްޓޫޑެންޓް ލޯން ދައްކަން ޖެހޭ މުއްދަތުވެސް 6 މަސްދުވަހަށް ފަސްކޮށްދެއްވާފައެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މިމަހުން ފެށިގެން 6 މަސްދުވަހަށް ފަސްކޮށްދީފައިވާކަމަށެވެ. އަދި މި މުއްދަތައްފަހު ލޯނުގެ ބާކީ ފަހުން ދައްކާއިރު މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ލޯން ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވާތީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މުއްދަތުގެ ތެރޭ ސްޓޫޑެންޓް ރީ ޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ލޯން ދައްކާ ޚަލާސްކުރަން މިހާރު އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި އެގްރީމަންޓް ބަދަލުކުރުމާނުލައި 6 މަސްދުވަސް އިތުރު ވެގެން ދާނެކަމަށެވެ. އަދި މަހުން މަހަށް ދައްކާ ފައިސާގެ އަދަދު ބަދަލު ނުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.