ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ބޭރުގައި ތިބިކަމަށް ރަޖިސްޓްރީން ދައްކަނީ 7501 ދިވެހިން


ފޮރިން މިނިސްޓްރީގެ ރަޖިސްޓްރީ ރައްކާގޮތުން ބޭރުގެ އެކި ޤައުމުތަކުގައި މިހާރު ތިބީ 7501 ދިވެހިންކަމުގައި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި މިހާރުތިބި ދިވެހިންގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކުރޔުމުގެގޮތުން ފޮރިން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ވަރަށްގިނަ ބަޔަކުވަނީ ރަޖިސްތްރީވެފައެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އަޅުއްވަމުންދާ ފިޔަވަޅޫތަކުގެ ތެރެއިން، ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ދިވެހިން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް އެމިނިސްޓްރީން އަންގަވާފައިވާ އެންގެވުމާއެކު މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 8058 މީހަކުކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންވަނީ ރާއްޖެއަށް އައިސްފައެވެ. އެހެންކަމުން މިހާރު ބޭރުގައި ތިބިކަމަށް ފޮރިން މިނިސްޓްރީގެ ރަޖިސްޓްރީން ދައްކަނީ 7501 މީހުންކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދަނޑިވަޅުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވަކިން ޚާއްސަކޮށް ރާއްޖޭގެ ރައްޔިތުން ގިނައިން ދިރުއުޅޭ ޤައުމުތަކުން ދަތުރުފަތުރު ހުއްޓާލައި އެޤައުމުތައް ފުރަބަންދު ކޮށްފައިވުމުން ފޮރިން މިނިސްޓްރީން ދަނީ އެޤައުމުތަކުގައިތިބި ދިވެހިންގެ ޙާލު ވަރަށް ގާތުން ބަލަމުންނެވެ. މި ދަނޑިވަޅުގައި ބޭރުގައި ތިބި އެންމެހައި ދިވެހިންވެސް ފޮރުން މިނިސްޓްރީގައި ރަޖިސްޓްރީވުމަކީ މުހިންމުކަމެއްކަމަށް މަބުރޫކް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ ތަފާސް ހިސާބު ހާމާކޮށްދެއްވަމުން މަބުރޫކް ވިދާޅުވީ މިހާތަނަށް 1093 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން 1065 ސާމްޕަލް ނެގެޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. މިހާތަނަށް ނަތީޖާ ނުލިބި ވަނީ 11 ސާމްޕަލެއްކަމަށްވެސް މަބުރޫބް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން އިސޮލޭޝަންގައި 20 މީހަކު ބައިތިއްބާފައިވެއެވެ. ވެލިދޫގައި 17 މީހަކު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީސްގައި 3 މީހަކު ތިބިކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓީން ފެސިލިޓީސްގައި ތިބީ 867 މީހެއްކަަމަށް މަބުރޫކް ވިދާޅުވިއެވެ.

ކަރަންޓީންގައާއި، އައިސޮލޭޝަންގައި ބައިތިއްބާފައިވާ މީހުންގެ ތެރެއިން ދޫކޮށްލާ މީހުން ދޫކޮށްލަނީ އެމީހަކު ގެންދެވޭތާ 14 ދުވަސްފަހުން ކޯވިޑް-19އަށް ޓެސްޓް ކުރުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.