މާލެއާއި އަތޮޅުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް 97 ވެންޓިލޭޓަރު އެބަހުރިކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ކުއްލި ޙާލަތުގައި، ރާއްޖޭގައި ވެންޓިލޭޓަރުގެ ޚިދުމަތް ހުރި ގޮތާމެދު ބައެއް މީހުންގެ ކަންބޮޑުވުން ހުރިކަމަށެވެ. އެހެންނަމަވެސް މާލޭގައި ހުރި ސަރުކަރާއި، އަމިއްލަ ހޮސްޕިޓަލުތަކުގެ އިތުރުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މިހަރު ޖުމުލަ 97 ވެންޓިލޭޓަރު އެބަހުރިކަމަށް މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ޞިއްޙީ ގޮތުން ކުރިމަތިވެދާނެ ޙާލަތަކަށް ބަލައި އެކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރުވެސް ވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން މާލެ ކައިރީގައި 200 އަށްވުރެ ގިނަ އައިސީޔޫ އެދު ތައްޔާރުކުރުމަށް ބޭނުންވާ ކޮޓަރި ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެތަންތަނަށް ބޭނުންވާ ޞިއްޚީ ވަސީލަތް ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ދުނިޔެއަށްވެސް ޞިއްޙީ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ކޮންމެ ޤައުމަކުންވެސް މިބަލިން އަރައިގަތުމަށް ދަތިތަކާވަނީ ކުރިމަތިވެފައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ ޞިއްޙީ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ދަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ.
ޞިއްޚީ ގޮތުން ކުރިމަތިވެފައިވާ މި ދަތިތަކާއެކު ރައްޖެއިން މިބަލިން ސަލާމަތްވުމަށް އެންމެބޮޑަށް ސަމާލުކަން ދީފައިވަނީ ބަލިޖެހޭ ނިސްބަތް ކޮންޓްރޯލްކޮށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން މިބަލި ކޮންޓްރޯލްކޮށް ފެތުރަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއިއެކު މިކަމުގެ ހެޔޮބަދަލުަތައް ރާއްޖެއިން ފެންނަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.