ޚަބަރު

ކޯވިޑް-19: މިދުވަސްވަރު ހައްޔަރުވެ، ބަންދުވުމަކީ މީހާ ނުރައްކަލައް ހުށަހެޅިދާނެކަމެއް - އަޙްމަދު


މިދުވަސްވަރު ކުއްތަކަށް އަރައިގަނެ އެކަމުގެ ސަބަބުން ހައްޔަރުވެ، ބަންދުވުމަކީ އިތުރަށް މީހާ ނުރައްކަލައް ހުށަހެޅިދާނެކަމެއް ކަމުގައި ކަމިޝަނާ އޮފް ޕްރިޒަން އަޙްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ކަރެކްޝަންއިންވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ކުށްތަކުން އެއްކިބާވެ ހެޔޮމަގުގައި ސާބިތުވެތިއްބެވުމަށް ކަމިޝަނާ އޮފް ޕްރިޒަން ވަނީ ގޮވާލައްވާފައެވެ. އަދި މިދަނޑިވަޅުގައި ކުށްތަކަށް އަރައިގަނެ އޭގެ ސަބަބުން މީހާ ހައްޔަރުކޮށް ބަންދުވުމަކީ މިފަދަ ބަލިތަކަށް އިތުރަށް ދެވޭ ދައުވަތެއްކަމަށްވެސް ކަމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ފުޅު ވަނީ ވިދާޅުވެފައެވެ.

"މިހައްސާސް ދަނޑިވަޅުގައި، އެންމެހާ ކުއްތަކުން އެއްކިބާވެ ހެޔޮމަގުގައި ސާބިތުވެ ތިއްބެވުން ވަރަށް މުހިއްމު. ހައްޔަރުވެ ނުވަތަ ބަންދުވުމަކީ އިތުރަށް މީހާ ނާޒުކުވެ ނުރައްކަލައް ހުށަހެޅިދާކަމެއް." އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ކަމިޝަނާ އޮފް ޕްރިޒަން މިފަދަ ގޮތަކަށް ގޮވާލާފައިވަނީ މިހަފްތާގައާއި، ނިމިދިޔަ ހަފްތާގައިވެސް ޑްރަގްގެ ނެޓްވޯކްތަކެއް ފުލުހުން އަތުލާގަނެފައިވަނިކޮށެވެ. އަދި މިދަނޑިވަޅުގައި ބައެއް ފަރާތްތަކުން ނާޖައިޒް ގޮތުގައި ލާރި ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުންވެސް ހާމަކުރައްވާފައިވަނިކޮށެވެ.

ކޯވިޑް-19އާ ގުޅިގެން ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމަށާއި، ގައިދީން ބަލިން ރައްކާތެރިކުރުމަށް ކަރެކްޝަންއިންވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ޢާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން ވަނީ މެދުކަޑާލައި އާއިލާއަށް ގުޅުމަށް ކުރާ ފޯންކޯލްތައް އިތުރުކޮށްދީފައެވެ.

މީގެ އިތުރުންވެސް ޕެރޯލް ބޯޑަށް ހުށަހެޅިފައިވާ ޝަރުތު ހަމަވާ ޤައިދީންނާއި އިންޓަވިއު ކުރުން ފަދަ ކަންކަންވެސް ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށެވެ.