ވިޔަފާރި

ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ އުޅަނދުތަކުގެ ހުއްދަތައް 6 މަސް ދުވަހަށް އިތުރުކޮށްފި


ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ އުޅަނދުތަކުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މާޗް 01 އިން ފެށިގެން މުއްދަތު ހަމަވާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ނުވަތަ ސީއޯސީ، ސެޓްފިކެޓުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ އައު ކުރާއިރު ނުވަތަ މުއްދަތު އިތުރުކުރާއިރު ހުށަހަޅަންޖެހޭ ރިފްރެޝަރ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ މުއްދަތުވެސް 6 މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.

އެހެންކަމުން، މި މުއްދަތުގައި ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ އަށް އެދޭ ފަރާތަކުން މި ސެޓްފިކެޓްތައް ހުށަހަޅަން ނުޖެހޭކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.

މީގެ އިތުރުން ދިވެހި ސީމަނުންނަށް ދޫކޮށްފައިވާ މެޑިކަލް ފިޓްނަސް ސެޓްފިކެޓާއި ރާއްޖޭގައި އޮޕަރޭޓްކުރާ އުޅަނދުތަކުގެ ސޭފްޓީ ސެޓްފިކެޓްތަކުގެ މުއްދަތު ވެސް 30 ޖޫންގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރޮޓީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މި ސެޓްފިކެޓްތަކުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކުން މިކަމަށް ބޭނުންވާ ލިޔެކިޔުންތައް އެއޮތޯރިޓީގެ ވެބްސައިޓް [email protected] އަށް ފޮނުވުމުން އެެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.