ޚަބަރު

ކޯވިޑް-19 : ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ސާމާނު ފޮނުވޭނެ އިންޒާމު ހަމަޖައްސައިފި


ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފޮނުވަން ބޭނުންވާ އެއްޗެއްވާނަމަ ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދެއްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ އަވަށްޓެރި ސްރީލަންކާގައި ގިނަ ޢަދަދެއްގެ ދިވެހި ޢާއިލާތަކެއް ދިރިއުޅެމުންދާކަމަށެވެ. ކޯވިޑް-19އާ ގުޅިގެން ސްރީ ލަންކާގައިވަނީ ކާފިއު އިޢުލާންކޮށް ދަތުރުފަތުރު ހުއްޓާލާފައެވެ. މިއާއެކު ދިވެހި ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކޮށްފައިވެއެވެ.

ސްރީ ލަންކާއާއި ބޭރުގެ ބައެއް ޤައުމުތަކުގައި ދިރިއުޅުނަސް ގިނަ ދިވެހިންނަކީ ޚާއްސަކޮށް ކެއުންބުއިމުގައި ދިވެހު އުފެއްދުން ބޭނުންކުރާ ބައެކެވެ. އެފަދަ ބައެއްތަކެތި ފޯރުކޮށް ދިނުމަށް ބޮޑެތި ހުރަސްތަކެއް މިހާރުވަނީ ކުރިމަތިވެފައެވެ. މިކަމަށް ޔުޔެއް ހޯދައިދިނުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދާއެކު މިހާރުވަނީ، އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ކާބޯތަކެތި ގެނައުމަށް ސްރީ ލަންކާއަށްޑާ ޚާއްސަ ކާގޯ މަތިންދާ ބޯޑުން އެޤައުމުގައި ތިބި ދިވެހި ޢާއިލާތަކަށް ބޭނުންވާ ސާމާނު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސްރީ ލަންކާގައިވެސް ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މުއްދަތެއް ނެތްގޮތަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. މިކަމާގުޅިގެން ގިނަބަޔަކަށް ކާންބޯން ބޭނުންވާ ތަކެތި ފޯރުކޮށްދެނީ އެޤައުމުގެ ސަރުކަރުން ހަމަޖައްސާފައިވާ އުސޫލެއްގެ ތެރެއިންނެވެ.