ޚަބަރު

ކޯވިޑް-19: މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކެއް ރާވަންޖެހޭ: މެމްބަރުން


ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އަންނަ މިދަނޑިވަޅުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެެެވެ.

ކޯވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާއި މެދު މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުށައަޅުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވި މެމްބަރުންވަނީ ސަރުކާރުން މިބަލި މަޑުކަމުން އަރައިގަތުމަށް ހުށަހަޅުއްވާފައިވާ ކަންކަމަށް ތާއީދުކުރައްވާފައެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އަލީ އާޒިމް ވިދާޅުވީ އިޤްތިޞާދީގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާ މިދަނޑިވަޅުގައި މަސްވެރިކަމާއި، ދަނޑުވެރިކަން އިތުރަށް ކުރިއަށް ގެންދޭވޭނެ ގޮތްތަކެއް ފަހިކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަން ކުރައްވާ ފަރާތްތަކަށް ލޯނުތައް ލިބޭނެ ގޮތް ހަމަޖައްސަވައި މި ދެވިޔަފާރި ފުޅާގޮތެއްގައި ކުރެވޭނެ މަގުފަހިކޮށްދިނުމަކީ އިޤްތިޞޯދީ މިދަތިކަމުން އަރައިގަތުމަށް ކުރެވިދާނެ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިދަނޑިވަޅުގައި މަސްވެރިންނަށް ގޭދޮށި މަސްފެކްޓްރީތަކާއި، މަސްހިއްކާ، ކެއްކޭނެ ގޮތްތަކެއް އެބަ ފަހިކޮށްދޭންޖެހޭ. ދަނޑުވެރިންނަށް ދަނޑުވެރިކަން ފުޅާކޮށް ކުރެވޭނެ ގޮތްތަކެއް ހޯދައި އެކަންކަން ފަހިކުރަންޖެހޭ. މިފަރަތްތަކަށް ލޯނުތައް ދެއްވައިގެންވެސް މިކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ މިދަނޑިވަޅުގައި ވަރަށް މުހިންމުކަމެއް" އަލީ އާޒިމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މިބަލި މަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ބޮޑު މަސައްކަތްތަކެއް ކުރައްވަންޖެހޭކަން ފާހަގަކުރައްވާފައެވެ. އާމްދަނީ ހޯދުމަށް މީގެކުރިން ކުރަމުންދިޔަ އެތައް މަސައްކަތެއް މިކަމުގެ ސަބަބުން ހުއްޓި، ގިނަ ބައެއްގެ އާންމު ދިރިއުޅުމަށް މިކަމުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން މިމައްސަލާގައި ވާހަކަދެއްކެވި ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދު މިދިމާވި ހާލަތާއި މެދު ވިސްނާލުމުން ރާއްޖޭގެ މައިލޭނާރަކީ މަސްވެރިކަމާއި ދަނޑުވެރިކަންކަމުގައި ހަދައި ނަފާހޯދަން ޖެހޭކަން ވަނީ ވަރަށް ސާފުކޮށް އެނގިގޮސްފައި ކަމުގައި ވިދާޅުވިއެވެ.

"ރާއްޖޭގެ މައިލޭނާރަކީ މަސްވެރިކަމާއި ދަނޑުވެރިކަން. މިދިމާވި ހާލަތުން އަޅުގަނޑުމެންނަށް މިއޮތީ މިކަން ހާމަވާ. އަޅުގަނޑުމެންނަކަށްނެތް މި ދެދާއިރާ ދޫކޮށްލާފައި ކުރިއަށްދެވެން. މިކަން ދިގުލާނެ ދުވަހެއް އަޅުގަނޑުމެންނަކަށް ނޭގޭ. އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ މަސްވެރިންނައި ދަނޑުވެރިންނަށް އެކަންކަން ކުރެވޭނެ ލުއިގޮތްތަކެއް ހޯދަން." ސައުދު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންވަނީ އިޤްތިޞާދީ ގޮތުން އަރައިގަތުމަށް ސަރުކާރުން އެކަށައަޅާފައިވާ ޕްލޭނަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވެން ރާއްޖޭގެ ރައްޔިތުންނަށް ކުރެވެން އޮތް ދެ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކަމުގައިވުމުން، އެ ދެ ސިނާއަތް ކުރިއަރުވަން އިތުރަށް މަސައްކަތް ކުރަންޖެހޭން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް 19 އިން ރައްޔިތުން ރައްކާތެރިކޮށް ސަލާމަތަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މެމްބަރުންވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މިއަދު ރާއްޖޭގައި ބަލި ކޮންޓްރޯކުރެވި އެއްމިންގަނޑެއްގައި ހިފެހިއްޓިފައި ވަނީ ކަމާއިބެހޭ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރައްވާ މަސައްކަތުންކަން މެމްބަރުންވަނީީ ފާހަގަކުރައްވާފައެވެ.