ޚަބަރު

ކޯވިޑް-19: ރާއްޖޭގައި މިހާރު 3،800 ޓެސްޓް ކިޓް އެބަހުރި


ކޯވިޑް-19އަށް ޓެސްޓްކުރާ 3800 ކިޓް މިހާރު ރާއްޖޭގައި އެބަހުރިކަމުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި މިވަގުތަށް ބޭނުންވާ ވަރަށް ޓެސްޓް ކިޓް އެބަހުރިކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި 3800 ޓެސްޓް ކިޓާއި، ރެޕިޑް ޓެސްޓިން ކިޓުގެ ގޮތުގައި 1000 ކިޓް އެބަހުރިކަމަށެވެ.

މަބުރޫކް ވިދާޅުވީ ކޯވިޑަށް ކުރަންޖެހޭ ޓެސްޓްކުރުމަށް ބޭނުންވާ ކިޓް ރާއްޖެގެނައުމުގެ މަސައްކަތް އައޖީމްއެމް ހޮސްޕިޓަލުންވެސް ކުރަމުންދާކަމަށެވެ. އެގޮތުން މާދަމާ އައިޖީމްއެޗްއިން އިތުރު 6100 ކިޓް ގެނައުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި 29،500 އަށްވުގިނަ ކިޓް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑަށް ކިރިޔާ ޝައްކުކުރެވޭ އަލާމާތެއް ހުރިކަމުގައި ވީނަމަވެސް އެމީހަކު ޓެސްޓްކޮށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން މިހާތަނަށް 908 ސާމްޕަލެއް ރާއްޖެއިން މިހާރު ވަނީ ނަގާފައެވެ. އޭގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ ރާއްޖެއިން ފުރިފަހުންނެވެ. ރާޢްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 11 މީހަކު ރަނގަޅުވެފައިވާއިރު، 4 މީހަކަށްދަނީ ފަރުވާދެމުންނެވެ.