ޚަބަރު

ކޯވިޑް19: އިންޑިއާއިން ބޭހުގެ ބާވަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި


ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވިހުރި ބޭހުގެ ބާވަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އިންޑިއާގެ 5 ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރިނަމަވެސް އެތަކެތި ރާއްޖެއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ސަބަބަކީ ކޯވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ފުރަބަންދުކޮށްފައިވުމާއި ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީއެވެ.

މި ބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސް.ޓީ.އޯ އިން އޯޑަރުކޮށްފައިވާ ބޭސްތަކެކެވެ. މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާއިން ރާއްޖެއަށް ބޭހުގެ ބާވަތްތައް ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ. އަދި ފުރަބަންދުގެ ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

އިންޑިއާއިން ކޯވިޑް-19 އާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ދިޔަނަމަވެސް ރާއްޖެއަށް ލުއި ގޮތްތަކެއް ދަނީ ފަހިކޮށްދެއްވަމުންނެވެ.