ޚަބަރު

ކޯވިޑް-19 : މާލޭގައި ހޯމް ކަރަންޓީންއާއި، އައިސޮލޭޝަންގައި 61 މީހަކު


މާލޭގައި ހޯމް ކަރަންޓީނާއި، އައިސޮލޭޝަންގައި 60 އަށްވުރެ ގިނަ މީހުން ބައިތިއްބާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި، ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މާލޭގައި ހޯމް އައިސޮލޭޝަންއާއި، ހޯމް ކަރަންޓީންގައި ގިނަ ބަޔަކު ބައިތިއްބާފައިވާކަމަށެވެ.

މަލޭގެ ގޭތަކުގައި ކަރަންޓީންގައި ބައިތިއްބާފައިވަނީ 44 މީހެއްކަމަށް މަބުރޫކް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ 43 ދިވެއްސަކާއި، 1 ބިދޭސީއެކެވެ. ހޯމް އައިސޮލެޝަންގައި މާލޭގައި 13 ދިވެހިންނާއި، 4 ބިދޭސީން ބައިތިއްބާފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ގޭގޭގައި އައިސޮލޭޝަނާއި، ކަރަންޓީނުގައި ބައިތިއްބާފައިވާ މީހުން ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުމަކީ މުހިންމުކަމެއްކަމަށާ، ކަމާއިބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އަމަލުނުކުރާނަމަ އެފަރާތްތަކައިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

ކަރަންޓީންގައާއި އައިސޮލޭޝަންގައި ތިބޭ މީހުންވެސް ޤަވާއިދުތަކަށް ބޯލަނބައި ކަނޑައެޅިފައިވާ މުއައްދަތުގައި ވީހާވެސް އެކަހެރިވެގެން ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިއީ ކަރަންޓީންގައި ތިބޭ އެހެން މީހުންނާއި، އެމީހުންނަށް ޚިދުމަތްދިނުމަށް ތިބޭ މީހުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.