ކޯވިޑް-19

ކޯވިޑް-19 : ޔެސް ޓީވީން "ޓެލިކިލާސްތައް" މާދަމާ އަލުން ދައްކަން ފަށަނީ


ސްކޫލް ދަރިވަރުންނަށް ފިލާވަޅުތައް ކިޔަވައިދިނުމަށް ޕީ.އެސް.އެމްގެ ޔޭސްޓީވީ މެދުވެރިކޮށް ގެނެސްދޭ "ޓެލިކިލާސް" އަލުން ފެށުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި، ޕީ.އެސް.އެމް ގުޅިގެން ގެނެސްދޭ ޓެލިކިލާސްތައް މާދަމާ އަލުން ފަށާނެކަމަށާއި، ޓެލިކިލާސްގެ ސެޝަންތައް ޚާއްސަކޮށްފައިވާނީ ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ހަފްތާގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށްގެންދާ ސެން ކްލާސްތައްވެސް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކްލާސްތަކުގެ ތެރެއިން ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ކްލާސްތައް ނުވަތަ އިންޓަރެކްޓިވް ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގޫގުލް ކްލާސްރޫމް ބޭނުންކޮށްގެންނެވެ.

ޓެލިކިލާސްތަކުގެ ސެޝަންތައް އޮން-އެއަރކުރާނެ ޝެޑިއުލް ޓުވިޓަރ އާއި ފޭސްބުކް މެދުވެރިކޮށް އާއްމުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަޅުތައް ބްރޯޑްކާސްޓް ކުރަން ފަށާފައި ވަނީ ކޯވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށްޓަކައި ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރުމާގުޅިގެން މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ސެޝަންތައް ޕީއެސްއެމްގެ ޔެސްޓީވީން ދައްކާ ވަގުތު، ޔެސް ޓީވީ ފޭސްބުކްޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ. ޔެސްޓީވީ ޗެނަލް ޕީއެސްއެމް ކަނެކްޓް މެދުވެރިކޮށް ހިލޭ ބަލާލެވޭނެއެވެ. އަދި ދިރާގު ޓީވީންވެސް ބަލާލެވޭނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައިވީނަމަވެސް ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި، ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދިނުމަށް ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރި ކުރުވުމާއި ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނެ ހަރަކާތްތަކުގައި ދަރިވަރުން މަޝްޢޫލުކުރުމާއި ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ކޯވިޑް 19 އާ ގުޅޭ މައުލޫމާތު ދަރިވަރަށް އިނގޭނެ ގޮތަށް ކިޔައިދިނުން ފަދަ މުހިންމު ކަންކަމަށް އިސްކަންދިނުމަށްވެސް އެ މިނިސްޓްރީން އިލްތިމާސް ކުރައްވާފައިވެއެވެ.