ކޯވިޑް-19

ކޯވިޑް-19 : ކަރަންޓީނަށްދާ ކޮންމެ މީހަކު ޓެސްޓެއް ނުކުރަން، - ޑރ. އަލީ ލަތީފް


ކަރަންޓީނަށްދާ ކޮންމެ މީހަކު ކޯވިޑް-19 އަށް ޓެސްޓް ނުކުރާކަމަށާއި، ނަމަވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރެއްވުމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޢަލީ ލަތީފް ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން ކަރަންޓީނަށްދާ ކޮންމެ މީހަކު ޓެސްޓްނުކުރާކަމަށެވެ. ބައްޔަށް ޓެސްޓްކުރަނީ ޝައްކުކުރެވޭފަދަ އަލާމާތްތަކެއް ފެނުމުން ކަމަށާއި، ކަރަންޓީނަށްދާ މީހުންގެ ހާލަތު މޮނިޓަރކުރަމުން ދިޔަނަމަވެސް ވަކިވަކި މީހުންގެ ހާލު ބެލުމަކީ ފަސޭހަ ކަމަކަށްނުވާނެކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީން ފެސިލިޓީތަކަށްދާ ފަރާތްތަކުންވެސް ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެކަން އެޗްޕީއޭއަށް ރިޕޯޓްކުރުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރަންޓީނަށް މި ލަނީ ކޯވިޑް-19 ޖެހިދާނެކަމަށް ޝައްކު ކުރެވޭތީ. ބޭރުން އަންނަ އެންމެންވެސް އެބަލަން 14 ދުވަހުގެ ކަރަންޓީނަށް. ނަމަވެސް އެންމެނެއް އަޅުގަނޑުމެން ޓެސްޓެއް ނުކުރަން. ފަސޭހަވެސް ކަމެއްނޫން ވަކިވަކިން ގޮސް އެންމެން ކައިރިން ހާލު އެހުމަކީ. އެހެންކަމުން ކުޑަވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓް ކުރުން ވަރަށް މުހިންމު" ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. ޢަލީ ލަތީފް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ، ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރަމުންދަނީ ކޮންމެ މީހަކުވެސް ވަކިވަކިން ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވަމުންދާގޮތަކުން ކޮންމެ ތަނެއްގައި ދެމީހަކު ބަހައްޓަންޖެހުންވެސް އެކަށީގެންވާކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ. އަދި ކަރަންޓީން ފެސިލިޓީތަކަށްދާ އެންމެންވެސް ޓެސްޓްކުރަންޖެހިއްޖެ ހާލަތަކަށްގޮސްފިނަމަ، އެކަންވެސް ކުރައްވާނެކަމަށް ޑރ. ލަތީފް ވަނީ ވިދާޅުވެފައެވެ.

"ވިސްނުމަކީ ވަކިވަކިން ކަރަންޓީން ކުރަން. ނަމަވެސް ހާލަތަށް އަންނަ ބަދަލުތަކާއެކު ދެމީހަކުވެސް ބަހައްޓަންޖެހިދާނެ އެއްތަނެއްގައި. މިސާލަކަށް އެއް އާއިލާތަކަށް ނިސްބަތްވާ. މި ޕޮލިސީތައް ބަދަލުކުރަންޖެހިއްޖެނަމަ އެކަން ކުރާނެ" ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޢަލާމާތްތަކަކީ ކޮބައިކަމާއި، ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭ މަޢުލޫމާތު ކޮންމެ މީހަކުވެސް ހޯދާ، ސާފުތާޙިރުކަމަށް އިސްކަން ދިނުން މުހިއްމުކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.