ކޯވިޑް-19

ކޯވިޑް-19 : އިޤްތިޞާދެއް ހިންގަން ލޯނު ނަގަންޖެހޭނެ، ސަރުކާރުގެ ނިންމެވުން ރަނގަޅު - ޑރ. ފަޒީލް


ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މިދަނޑިވަޅުގައި އަޅުއްވަމުން ގެންދަވަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް މަރުކަޒީ ބޭންކު، އެމް.އެމް.އޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ގަވަރުނަރު ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ވީ އެންމެ އަވަހަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅަށްޖެހުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އެމް.އެމް.އޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ އެއްވެސް ޤައުމަކަށް މިކަމުން އެކަނި އަރައިގަތުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އަދި މިކަމުން އަރައިގަތުމުގައި އެއް ޤައުމު އަނެއް ޤައުމަށް، އަދި މާލީ ބޮޑެތި އިދާރާތަކުގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، ދުނިޔެއަށް ކުރިމަތިވި މިފަދަ ކޮންމެ ހާލަތެއްގައިވެސް ކަން ހިނގާފައިވަނީ އެ އުޞޫލުންކަމަށް ޑރ. ފަޒީލް ވިދާޅުވިއެވެ.

ކޯވިޑް-19އާއެކު ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ހީނަރުކަން ފޫބެއްދުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވާ ޑރ. ފަޒީލް ވިދާޅުވީ، މާލީ އިދާރާތަކުން ލިބޭ ލޯނާއި އެހީ ހޯދުން އެއީ މިދަނޑިވަޅުގައި ކުރަންޖެހޭނެކަމެއްކަމަށެވެ. އަދި މާލީ އެހީހޯދުމަށް ބައިނަލްއަޤްވާމީ މާލީ ބާޒާރަށް ދާއިރު، ސޮވްރިން ބޮންޑުފަދަ"ޑިސިޕްލިނަރީ އެކްޝަން"ތަކެއް ނެގިފައި ހުންނަ ޕްރޮގްރާމެއްގައި އުޅޭނަމަ އިންޓްރެސްޓް ކުޑަކޮށް ލޯނު ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަން ޑރ. ފަޒީލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މާލީ އިދާރާތަކުން ބޭނުންވާ މިންވަރަށް އެހީ ނުލިބޭކަމަށްވާނަމަ، ޕްލޭން ބީއެއްގެ ގޮތުގައި ސަރަޙައްދީ ޤައުމުތަކުގެ އެހީތެރިކަން ހޯދުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

"ލޯނުގެ ގޮތުގައި ބޭނުންވާ މިންވަރު ނުލިބޭނަމަ ދެން ދާންމިޖެހެނީ އިންޓަނޭޝަނަލް ފައިނޭންޝަލް މާކެޓަށް. އެހެންދާއިރު ޑިސިޕްލިނަރީ އެކްޝަންތަކެއް ނެގިފައި ހުންނަ ޕްރޮގްރާމެއްގައި އުޅޭނަމަ އިންޓްރަސްޓް ކުޑަކޮށް ލޯން ލިބުމުގެ ފުރުޞަތު ބޮޑުވާނެ. ނަމަވެސް ބޭނުންވާ މިންވަރަށް ލޯނު ނުލިބޭނަމަ ޕްލޭން ބީ އެއް އޮންނަންޖެހޭނެ. ސަރަޙައްދީ ޤައުމުތަކުން އެހީ ހޯދުމުގެ ޕްލޭނެއް އޮންނަންޖެހޭ" ފަޒީލް ނަޖީބު ވިދާޅުވިއެވެ.

އެމް.އެމް.އޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވިދާޅުވީ، މިދަނޑިވަޅުގައި ސަރުކާރުން އިޢުލާންކޮށްފައިވާ ޕޮލިސީ އެކްޝަންތަކަކީ ރަނގަޅު ނިންމެވުންތަކެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖެހެން އޮތީ ފަތުރުވެރިކަން ހަމަ މަގަކަށް އެޅުވިގެންކަން ފާހަގަކުރައްވާ، ހާލަތަށް އަންނަމުންދާ ބަދަލުތަކާއެކު، އެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރާއި، ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގުޅިގެން މުޢާމަލާތްކުރުން މުހިއްމުކަމަށް ޑރ. ފަޒީލް ވިދާޅުވިއެވެ.

"އިވޯލްވިންގ ހާލަތެއްގައި މިއުޅެނީ. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ ކަންކަން އިތުރަށް އެނގެމުންދާ މިންވަރަކުން މި ޕޮލިސީތައް ރިވައިޒްކުރުމުގެ ޖާގަ އޮންނާނެކަމަށް. މީގައި މުހިއްމުކަމަކީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަަރާތްތަކުން ވާހަކަދައްކަމުން ދިއުން. ވާހަކަދައްކައިގެން ސަރުކާރުގެ ފަރާތުން ކޮންކަހަލަ ކިހާ މިންވަރެއްގެ އެހީތަކެއްތޯ މުޅި އިންޑަސްޓްރީއަށް ބަލާއިރުގައި ބޭނުންވަނީ. މިކަމުގައި ސަރުކާރުން އުޅުއްވާތީ، ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ޕޮޒިޓިވް މެސެޖެއް މިދެވެނީ. އެހެންވީމަ އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅަށްޖެހުން މުހިއްމު. އެހެންނޫންނަމަ އަޅުގަނޑުމެންގެ ޖީޑީޕީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ" ފަޒީލް ނަޖީބު ވިދާޅުވިއެވެ.

ކުރީގެ ޓްރޭޑް މިނިސްޓްރީގައިވެސް މުހިއްމު މަޤާމްތަކެއް އަދާކުރައްވާފައިވާ ޑރ. ފަޒީލް ނަޖީބް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ހަލުވިކަމާއެކު، އަދި އެންމެ ފަސޭހައިން ކުރިއެރުވޭނެ ސިނާޢަތްކަމަށެވެ. އެހެންކަމުން، ރާއްޖޭގައިވެސް ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލާ ސިނާޢަތް ފުޅާކުރުމަށް މަސައްކަތްކުރުން މުހިއްމުކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ފަޒީލް ނަޖީބް ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރނަރކަމާއި ހަވާލުވެލެއްވީ 22 އޮކްޓޫބަރ 2008 ވަނަ އަހަރުއެވެ. ޑރ. ފަޒީލް ނަޖީބް ވަނީ 5 އަހަރުދުވަހު މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމް ފުރުއްވުމުގެ އިތުރުން ފަޒީލަކީ ޒަމާނީ މަނިޓަރީ ސިޔާސަތުގެ އޮނިގަނޑެއް ތަޢާރުފު ކުރެއްވުމާއި، ބޭންކިންގ ޤާނޫނު އެކުލަވާލެއްވުމުގައި ޙިއްޞާވި ތަޖުރިބާކާރު ބޭފުޅެކެވެ.