ގޭބިސީތަކުން ކުނި އުކާލުމަށް ނެރޭއިރު، މިހާރަށްވުރެ ރަނގަޅަށް ކުނިއަޅާ ކޮތަޅުތައް ބަންދުކޮށްދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއެކުވެސް، ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުނުކުރާކަމަށް އެ ކޯރޕަރޭޝަނުން ބުނެފައިވެއެވެ.
ވެމްކޯއިން ވިދާޅުވީ، ކުނި ނެގުމަކީ ޒަރޫރީ އާންމު ޚިދުމަތަކަށް ވުމުން، ކޯވިޑް-19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ މިފަދަ ޙައްސާސް ދަނޑިވަޅެއްގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުކޮށްފައި ނުވާކަމަށެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން އާންމު ކޮށްފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން" ގައިވާ ކަންކަމަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން އިތުރަށް ސަމާލުކަން ދިނުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުނި ބަންދުކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރުކޮތަޅަކަށްލާ، ބަންދުކުރުމަށް ސަމާލުކަންދިނުމަށާއި، ކުނި ބަންދުކުރުމުގައި ލީކުވާނެ ފަދަ އެއްޗެއްވާނަމަ، އެފަދަ އެއްޗެއް ލީކް ނުވާނެފަދަ ގޮތަކަށް ކޮތަޅު ބަންދުކުރުމަށް ސަމާލުކަންދިނުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރިހަފަދަ ތަކެތި ކުނި ކޮތަޅަށް ނޭޅުމަށާއި، ކުނި ކޮތަޅަށް އެކަށީގެންވާ މިންވަރަށް ކުނިއެޅުމަށް ސަމާލުކަންދިނުންމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮތަޅުގައި ކުނި ބަންދުކުރާއިރު، އެދެވިގެންވާ މިންވަރުކަމަށްވާ ކޮތަޅުގެ 3/2 އަށް ކުނިއެޅުމަށް ސަމާލުވުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ދިރިއުޅޭ ގޭބިސީއެއްނަމަ މިކަންކަމުގެ އިތުރުން، ކުނި ކޮތަޅު ގޭބިސީގެ ބޭރުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވެމްކޯއިންވަނީ އިލްތިމާސްކޮށްފައެވެ. މިގޮތަށް އަމަލު ނުކުރާ ކަސްމަރުންގެ ކުނި ބަލައިނުގަތުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ވެމްކޯގެ ވެށިފާރަވެރިން އަންނަނީ ދުވާލެއްގެ މައްޗަށް ހަތާވީސް ހާހަށްވުރެ ގިނަ ގޭބިސީތަކުން ކުނި އުކައިދިނުމުގެ ޚިދުމަތް ދެމުންނެވެ.