ކޯވިޑް-19

ކޯވިޑް-19 : ފިލިޕީންސާއި ބަންގްލަދޭޝްގައި ތާށިވެފައިތިބި ދިވެހިން ރާއްޖެ ގެންނަނީ


ފިލިޕީންސާއި ބަންގްލަދޭޝްގައި ތާށިވެފައިތިބި 100 އަށްވުރެ ގިނަ ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ނުރައްކާ މުޅި ދުނިޔޭގައި ފެތުރިފައިވާއިރު، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެތައް ޤައުމަކުން އަންނަނީ އެއްގަމު މަގުންނާއި، ކަނޑުމަގުންނާއި، އަދި ވައިގެ މަގުން އެ ޤައުމުތަކަށް އެތެރެވާ ބޯޑަރުތައް ބަންދުކުރަމުންނެވެ. އަދި ސިޓީތަކާއި، ސްޓޭޓްތަކުގައި ކާފިއު އިޢުލާންކުރުމާއި، ޤައުމުތައް އެއްކޮށް ލޮކްޑައުންކުރުން ފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

މިއާއެކު، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ދިވެހިން އެނބުރި ޤައުމަށް އަންނަން ބޭނުންވެގެން ސަރުކާރުގެ އެހީތެރިކަމަށް އެދެމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިނިސްޓަރ ޝާޙިދު ވިދާޅުވީ، ފިލިޕީންސްގައި ތާށިވެފައިތިބި 61 ދިވެއްސަކާއި، ބަންގްލަދޭޝްގައި ތާށިވެފައިތިބި 41 ދިވެއްސަކު އަނބުރާ ރާއްޖެގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިވެހި ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި ފްލައިޓްތައް ކެންސަލްވުމާގުޅިގެން ނޭޕާލުގެ އެއަރޕޯޓުގައި ތާށިވެފައިތިބި 21 ދިވެއްސަކަށް ޒަރޫޒީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ، ޤައުމުތަކުގެ ބޯޑަރުތަކާއި އެއަރޕޯޓުތައް ބަންދުކޮށް ފްލައިޓްތައް ކެންސަލްވުމަކީ މިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. ނަމަވެސް މިކަމުގައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ހުރިހާ ދިވެހިންގެ ހާލުވެސް ބަލަމުންދާކަމަށާއި، އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.